ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

400 އަށްވުރެ ގިނަ މެޗާއެކު މިއަހަރުގެ ގައުމީ ބިލިއާޑް މުބާރާތް ފަށައިފި

ޝެއާ ކުރޭ Facebook Telegram Viber X

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)ގެ ފަރާތުން އިންތިޒާމުކޮށްގެން، ގައުމީ ފެންވަރުގައި ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ކުޅުންތެރިންނާއެކު 2026ވަނަ އަހަރުގެ ގައުމީ ބިލިއާޑް މުބާރާތް މިއަދު ފަށައިފިއެވެ.

ރާއްޖޭގެ ކުޅިވަރު ކަލަންޑަރުގައި ހިމެނޭ ބިލިއާޑްގެ އެންމެ ބޮޑު ހަރަކާތުގެ ގޮތުގައި ފާހަގަކުރެވޭ މި މުބާރާތުގައި މިއަހަރު ޖުމްލަ 400އަށްވުރެ ގިނަ މެޗު ކުޅުމަށް ވަނީ ތާވަލުކުރެވިފައެވެ. މީގެ ތެރޭގައި 10ކުލަބަކުން ވާދަކުރާ ޓީމު އިވެންޓެއްގެ އިތުރުން، ސިންގަލްސް އަދި ޑަބަލްސްގެ ހަ ކެޓެގަރީއެއް ވަނީ ހިމަނާފައެވެ.

މުބާރާތުގައި އެންމެ ބޮޑު ތަރުހީބެއް ލިބިފައިވަނީ 75ކުޅުންތެރިން ވާދަކުރާ ފިރިހެން ދެވަނަ ޑިވިޝަނުގެ ސިންގަލްސް އަށެވެ. މީގެ އިތުރުން ފިރިހެން ފުރަތަމަ ޑިވިޝަނުގައި 29ކުޅުންތެރިން އަދި އަންހެނުންގެ ސިންގަލްސްގައި 18ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. ޑަބަލްސް އިވެންޓްތަކަށް ބަލާއިރު، ފިރިހެން ޑަބަލްސްގައި 46ޖޯޑު، އަންހެން ޑަބަލްސްގައި 8ޖޯޑު، އަދި މިކްސްޑް ޑަބަލްސްގައި 18ޖޯޑު ވާދަކުރާނެއެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން ފުރަތަމަ ދުވަހު ކުޅެފައިވަނީ ފިރިހެން ދެވަނަ ޑިވިޝަނުގެ މެޗުތަކެވެ. ތިން ދަންފަޅިއަކަށް ބަހާލައިގެން (ހަވީރު 16:15، އިރުއޮއްސި 18:45އަދި ރޭގަނޑު 21:00ގައި)ޖުމްލަ 35މެޗެއް މިއަދު ވަނީ ކުޅެފައެވެ. މިއަދުގެ ފާހަގަކޮށްލެވޭ ނަތީޖާތަކުގެ ތެރޭގައި ޝާލިމް އާދަމްގެ މައްޗަށް 7-0އިން މުޙައްމަދު ހަމްދޫން ހޯދި ބޮޑު މޮޅު ހިމެނެއެވެ. އަދި އަޙްމަދު ފާރިސް ފާރޫގު ބަލިކޮށް އަޙްމަދު މާހިދު ވަނީ 7-1އިން މެޗު ކާމިޔާބުކޮށްފައެވެ. ހަމައެއާއެކު މުޙައްމަދު ފަތުހީއާ ވާދަކޮށް 7-2އިން އިބްރާހީމް ހަނީފް މޮޅުވިއިރު، ޢަލީ ޖިނާދުގެ މައްޗަށް ހުސައިން ހަމީމް ކުރި ހޯދީ 7-1އިންނެވެ.

މިފަހަރުގެ ޓީމު އިވެންޓުގައި ވާދަކުރާ ކުލަބުތަކުގެ ތެރޭގައި ދިވެހި ސިފައިންގެ ކުލަބު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު، ކުލަބު ޓީނޭޖް، ޒެފްރޯލް، މިބްސާ، ކީން ސްޕޯޓްސް ކުލަބު، ފުއްލާޒް ރެކްރިއޭޝަން ކުލަބު، ބްލަޑް ބްރަދާސް ސްޕޯޓްސް ކުލަބު، ފްލެކްސަރ ސްޕޯޓްސް ކުލަބު އަދި އެޕެކްސް ސްޕޯޓްސް ކުލަބު ހިމެނެއެވެ. 

އެމްޕީބީއޭ އިން މައުލޫމާތު ދޭގޮތުގައި މިއީ ދިވެހިރާއްޖޭގައި ބިލިއާޑް ކުޅުން ފުޅާވެ، ކުރިއަރަމުން އަންނަ މިންވަރު ސާބިތުކޮށްދޭ މުބާރާތެކެވެ. އަދި މި މުބާރާތުގެ ސަބަބުން ކުލަބުތަކަށާއި ކުޅުންތެރިންނަށް ގައުމީ ލެވެލްގައި ވާދަވެރި މާހައުލެއްގައި ކުޅުމުގެ ފުރުސަތު ވަރަށް ބޮޑަށް ހުޅުވިގެންދާނެ ކަމަށްވެސް އެ އެސޯސިއޭޝަނުން ބުނެފައިވެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު