މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)ހިންގުން އިތުރަށް ހަރުދަނާކޮށް، އެ ކުޅިވަރު އައު ހަރުފަތަކަށް ގެންދިއުމުގެ އަމާޒުގައި، އެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ތަޖުރިބާކާރު އިދާރީ ހިންގުންތެރިޔާ މަރިޔަމް މުނާ އައްޔަންކޮށްފިއެވެ.
މުނާއަށް މަރުހަބާ ކިޔަމުން އެމްޕީބީއޭގެ އެގްޒެކިއުޓިވް ކޮމިޓީން ވަނީ، އޭނާގެ ހިންގުންތެރިކަމުގެ ދަށުން ބިލިއާޑަށް ރާއްޖޭގައި އުޖާލާ މުސްތަޤުބަލެއް ލިބިގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަން ހާމަކޮށްފައެވެ. މީގެ ކުރިން މި މަޤާމު ފުރުއްވާފައި ވަނީ ޢަބްދުﷲ ބިޝާރުއެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އައު ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ، އޭނާގެ އެންމެ ބޮޑު ތަސައްވުރަކީ ދިވެހިންގެ މެދުގައި ބިލިއާޑަކީ މަޤުބޫލު އަދި އާންމު ކުޅިވަރަކަށް ހެދުން ކަމަށެވެ. މީގެ އިތުރުން، ބައިނަލްއަޤުވާމީ މައިދާނުގައި ވާދަކުރުމުގެ ގިނަ ފުރުޞަތުތަކެއް ދިވެހި ކުޅުންތެރިންނަށް ފަހިކޮށްދީ، ބޭރުގެ ތަޖުރިބާ ހޯދައިދިނުމަކީވެސް އިސްކަންދެއްވާނެ ކަމެއްކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ކުޅިވަރުގެ ކުރިމަގު ބައްޓަންކުރުމަށްޓަކައި، ޒުވާނުންނާއި ސްކޫލް ކުދިންގެ މެދުގައި ބިލިއާޑް އާލާކުރުމުގެ މުހިންމުކަމަށް މުނާ އަލިއަޅުވާލެއްވިއެވެ. ހަރުދަނާ އުޞޫލުތަކެއްގެ މަތިން، ތަޢުލީމީ މުއައްސަސާތަކާ ގުޅިގެން ކުދިންގެ ހިތްތަކުގައި މި ކުޅިވަރަށް ޝައުޤުވެރިކަން އުފެއްދުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރިއަށްގެންދަވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މުނާއަކީ ދައުލަތުގެ ގިނަ މުއައްސަސާތަކެއްގައި އިސް ސަފުގައި މަސައްކަތްކުރައްވައި، މަތީ ފަންތީގެ ތަޖުރިބާ ހާސިލުކުރައްވާފައިވާ ކަނބަލެކެވެ. އެގޮތުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ރައީސްކަމާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ އިތުރުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަން އަދި ޑިފެންސް މިނިސްޓްރީގެ އިސް މަޤާމުތައް އޭނާ ވަނީ ފުރުއްވާފައެވެ. އަދި އޭޝިއާ ޝިޕިންގ އެންޑް އިންޓަރނޭޝަނަލް ޓްރޭޑިންގގެ ކޯޕަރޭޓް ސެކްރެޓަރީކަންވެސް ކުރައްވާފައިވާ މުނާ ވަނީ އޮސްޓްރޭލިއާގެ އީޑިތް ކޯވަން ޔުނިވަރސިޓީން މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.