ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުރިއަށްދާ 35ވަނަ ގައުމީ ކެރަމް މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ކާމިޔާބުކޮށް، ރާއްޖޭގެ އެންމެ ކާމިޔާބު ކެރަމް ކުޅުންތެރިޔާ އައިމިނަތު ވިދާދު އަށްވަނަ ފަހަރަށް އެ މުގާމު ހާސިލުކޮށް އޭނާގެ ތާރީޚީ ރެކޯޑު އިތުރަށް ފުޅާކޮށްފިއެވެ.
ކެރަމް އެރީނާގައި ކުޅެވުނު ފޯރިގަދަ ފައިނަލް މެޗުގައި ވިދާދު ކުރިހޯދީ އައިޝަތު ނަހުފާއާ ވާދަކޮށް ދެ ސެޓު އެއް ސެޓުންނެވެ. ފުރަތަމަ ސެޓު 24-12ގެ ނަތީޖާއަކުން ވިދާދު ކާމިޔާބުކޮށްފައި ވަނިކޮށް، ނަހުފާ ވަނީ 21-16އިން ދެވަނަ ސެޓު ގެންގޮސް މެޗުގެ އޮއިވަރު ބަދަލުކޮށްލާފައެވެ. ނަމަވެސް ފަހު ސެޓުގައި މޮޅު ކުޅުމެއް ދައްކައި، ފަސޭހަކަމާއެކު 25-06އިން ސެޓު ކާމިޔާބުކޮށް ވިދާދު ވަނީ މުބާރާތުގެ ތަށި ކަށަވަރުކޮށްފައެވެ.
މިއީ ވިދާދު މި މުބާރާތުގެ ތަށި ޖެހިޖެހިގެން ހޯދަމުން އަންނަ ސިލްސިލާގެ ތެރެއިން އޭނާގެ ރެކޯޑު އާކުރި ފަހަރެވެ. މިދިޔަ އަހަރު ހަތްވަނަ ތަށްޓާ އެކު އެންމެ ގިނަ ފަހަރު ޗެމްޕިއަންކަން ހޯދުމުގެ ޝަރަފު ހޯދާފައިވާއިރު، ވޭތުވެދިޔަ އަށް އަހަރުގެ ތެރޭގައި އޭނާއަށް ތަށި ގެއްލުނީ ހަމައެކަނި 2023ވަނަ އަހަރު އާމިނަތު ވިޝާމާ އަތުންނެވެ. އެހެން ހުރިހާ އަހަރެއްގައި ވެސް މުބާރާތުގެ ރަސްކަން ކުރީ ވިދާދެވެ.
މި މުބާރާތުގެ އެހެނިހެން ކެޓަގަރީތަކަށް ބަލާއިރު، އަންހެން ޑަބަލްސްގެ ޗެމްޕިއަންކަން ހޯދީ އާމިނަތު ވިޝާމާ އަދި އައިޝަތު ފައިނާޒްގެ ޕެއާއެވެ. އަދި މިކްސް ޑަބަލްސްގެ އެއްވަނަ ހޯދާފައިވަނީ ހުޖާން އާއި ނަހުފާގެ ޕެއާއިންނެވެ. މުބާރާތުގައި މިހާރު ކުރިއަށްދާ ޓީމު އިވެންޓުތަކުގައި ފިރިހެން ޑިވިޝަނުން ނުވަ ޓީމު އަދި އަންހެން ޑިވިޝަނުން ފަސް ޓީމު އަންނަނީ ވާދަކުރަމުންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.