ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގެ ކެރަމް އެރީނާގައި އިއްޔެ ހަވީރު ކުޅެވުނު 35 ވަނަ ގައުމީ ކެރަމް މުބާރާތުގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ފައިނަލްގައި، މުޙައްމަދު މުންތަސިރުގެ މައްޗަށް ކުރިހޯދައި، އިބްރާހީމް ހުޖާން އަލީ އެ މުބާރާތުގެ ޗެމްޕިއަންކަން ވިދިވިދިގެން ދެވަނަ އަހަރަށް ކާމިޔާބުކޮށްފިއެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ތަށިވެސް އުފުލާލި ހުޖާން މި ފަހަރުގެ ފައިނަލް ކާމިޔާބުކުރީ ފުރަތަމަ ސެޓު ގެއްލިފައިވަނިކޮށް ފަހަތުން އަރައި ފަހު ދެ ސެޓު ކާމިޔާބުކޮށްގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު 25-14އިން މުންތަސިރު ގެންދިޔަ ނަމަވެސް، ހުޖާން ވަނީ އޭގެ ފަހުން ކުޅުނު ދެ ސެޓު 25-15އަދި 23-22އިން ކާމިޔާބުކޮށް މެޗުގެ ނަތީޖާ އޭނާގެ ކޮޅަށް އަނބުރާލާފައެވެ.
މި އަހަރުގެ މުބާރާތަކީ ހުޖާންއަށް ވަރަށް ކާމިޔާބު މުބާރާތެކެވެ. ސިންގަލްސްގެ އިތުރުން އޭނާ ވަނީ ފިރިހެން ޑަބަލްސް އަދި މިކްސް ޑަބަލްސްގެ ރަން މެޑަލްވެސް ހާސިލުކޮށްފައެވެ. ފިރިހެން ޑަބަލްސްގެ އެއްވަނަ އޭނާ ހޯދީ ސިންގަލްސް ފައިނަލްގައި އޭނާއާ ވާދަކުރި މުންތަސިރާ އެކު ކުޅެގެންނެވެ. އަދި މިކްސް ޑަބަލްސްގެ ތަށި އުފުލާލީ އައިޝަތު ނަހުފާއާ އެކުގައެވެ.
ސިންގަލްސް އަދި ޑަބަލްސް އިވެންޓްތައް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ޓީމު އިވެންޓްތަކުގެ ކުޅުމެވެ. ޖުމްލަ 14ޓީމު ބައިވެރިވެފައިވާ މި އިވެންޓުގެ ފިރިހެން ބައިގައި ނުވަ ޓީމު އަދި އަންހެން ބައިގައި ފަސް ޓީމު އަންނަނީ ވާދަކުރަމުންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.