ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ސްޓޭޑިއަމް ހިސާރުކުރުމުން ނޭޝަންސް ލީގުގެ މެޗުތައް ޖެމެއިކާއަށް

ޝެއާ ކުރޭ Facebook Telegram Viber X

ކޮންކާކަފް ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ހެއިޓީން ކުޅޭ ހޯމް މެޗު ޖެމެއިކާގައި ކުޅުމަށް ހަމަޖެހުމާ އެކު، އަންނަ މަހުގެ 14ވަނަ ދުވަހުގެ ރޭ ޖެމެއިކާގެ ކިންގްސްޓަން ވެގެންދާނީ އުތުރު އެމެރިކާ ބައްރުގެ ފުޓްބޯޅައިގެ ބޮޑު އީދަކަށެވެ.

އެ ސިޓީގައި އެރޭ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ މެޗު ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ.

ހެއިޓީގެ ވެރިރަށް ޕޯޓް އޯ ޕްރިންސްގައި ހުންނަ އެ ގައުމުގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމް 2024ވަނަ އަހަރުން ފެށިގެން ގޭންގުތަކުގެ ބާރުގެ ދަށަށް ގޮސްފައިވާތީ، އެ ޓީމަށް އަމިއްލަ ގައުމުގައި މެޗުތައް ކުޅެވޭގޮތެއް ނުވެއެވެ. މި އަހަރު ބޭއްވި ވޯލްޑް ކަޕަށް ވެސް ކޮލިފައިވި ހެއިޓީން ވޯލްޑް ކަޕް ކޮލިފައިންގެ ހޯމް މެޗުތައް ކިޔުރެސާއޯގައި ކުޅުނުއިރު، ނޭޝަންސް ލީގުގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ޖެމެއިކާގައެވެ.

އަންނަ މަހުގެ 14ވަނަ ދުވަހުގެ ރޭ ކިންގްސްޓަންގެ ސަބީނާ ޕާކުގައި އެމެރިކާއިން ހެއިޓީއާ ދެކޮޅަށް ނުކުންނައިރު، އޭގެ ގަޑިއިރުތަކެއް ފަހުން އެ ސިޓީގެ ނޭޝަނަލް ސްޓޭޑިއަމްގައި މެކްސިކޯ ނުކުންނާނީ ޖެމެއިކާއާ ދެކޮޅަށެވެ. ދެ ލެގަށް ކުޅޭ މި ކުއާޓާ ފައިނަލުގެ ދެވަނަ މެޗުތައް އޮންނާނީ އަންނަ މަހުގެ 17ވަނަ ދުވަހުއެވެ. އެގޮތުން އެމެރިކާގެ ސިންސިނާޓީގެ ޓީކިއުއެލް ސްޓޭޑިއަމްގައި ހެއިޓީއާ ދެކޮޅަށް އެމެރިކާ ނުކުންނައިރު، މެކްސިކޯގެ މޮންޓެރޭގައި އެ ޓީމު ނުކުންނާނީ ޖެމެއިކާއާ ދެކޮޅަށެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލުގެ އަނެއް މެޗުތަކުގައި ވާދަކުރާނީ ޕެނަމާ އާއި ކިޔުރެސާއޯގެ އިތުރުން ކެނަޑާ އާއި ގުއަޓަމާލާއެވެ. އެގްރިގޭޓުން ކުރިހޯދައިގެން ސެމީ ފައިނަލަށް ދާ ހަތަރު ޓީމަށް، އަންނަ އަހަރުގެ މާޗު މަހު ކެލިފޯނިއާގެ ސޯފީ ސްޓޭޑިއަމްގައި އޮންނަ ނޭޝަންސް ލީގު ފައިނަލްސްގެ އިތުރުން 2027ވަނަ އަހަރުގެ ގޯލްޑް ކަޕުން ވެސް ޖާގަ ކަށަވަރުވެގެންދާނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު