ނިއުޔޯކްގެ މެޑިސަން ސްކުއެއާ ގާޑަންގައި ކުޅުނު އެންބީއޭ ޕްރީ ސީޒަންގެ ފޯރިގަދަ މެޗެއްގައި، ވޮޝިންޓަން ވިޒަޑްސް އަތުން 111-109ޕޮއިންޓުން ބަލިވެ، ނިއުޔޯކް ނިކްސް އިން ކުޅުނު ދެވަނަ މެޗުން ވެސް އެ ޓީމަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ.
ދެ ޓީމުގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ވިޒަޑްސް އިން ކާމިޔާބުކުރީ އެންމެ ދެ ޕޮއިންޓުގެ ހަނި ތަފާތަކުންނެވެ. މެޗުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ޕޮއިންޓެއްގެ ލީޑަކުން ވިޒަޑްސް ކުރީގައި އޮތް ނަމަވެސް، ނިކްސްއިން ވަނީ ދެވަނަ ކުއާޓަރުގައި ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން ހަތް ޕޮއިންޓުގެ ލީޑެއް ނެގުމަށް ފަހު، ހަ ޕޮއިންޓުގެ ތަފާތަކާ އެކު ނިކްސް އިން ފުރަތަމަ ހާފު ނިންމާލިއެވެ. އެހެން ނަމަވެސް ފަހު ދެ ކުއާޓަރުގައި ވިޒަޑްސް އިން ވަނީ ކުޅުން ވަރުގަދަކޮށް ނަތީޖާ އަނބުރާލާފައެވެ. ތިންވަނަ ކުއާޓަރުގައި ތަފާތު ކުޑަކޮށް، ފަހު ކުއާޓަރުގައި ފަސް ޕޮއިންޓުގެ ލީޑެއް ހޯދައިގެން ވިޒަޑްސްއިން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.
މި މެޗުގައި ވިޒަޑްސްއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ 16ޕޮއިންޓާއި 7ރީބައުންޑްގެ އިތުރުން 2އެސިސްޓް ހޯދި އެންތަނީ ޑޭވިސްއެވެ. އަދި ޓްރޭ ޔަންގް ވަނީ އެ ޓީމަށް 15ޕޮއިންޓާއި 4އެސިސްޓް ހޯދައިދީފައެވެ. ނިކްސްގެ ފަރާތުން އެންމެ ފާހަގަކޮށްލެވުނީ 13ޕޮއިންޓާއި 6ރީބައުންޑް އަދި 3އެސިސްޓް ނެގި ޖޯޝް ހާޓްއެވެ. އޭގެ އިތުރުން ޖޭލަން ބްރަންސަންއާއި ލޭންޑްރީ ޝަމެޓް، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެ ޓީމަށް 13ޕޮއިންޓް ސްކޯކޮށްދީފައެވެ.
ޕްރީ ސީޒަންގައި ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު، ސެކްރަމެންޓޯ ކިންގްސްއާ ވާދަކޮށް 114-110އިން މޮޅުވީ ލޮސް އެންޖެލިސް ލޭކާސްއެވެ. ލޭކާސްގެ ސަންޑްރޯ މަމުކެލާޝްވިލީ 19ޕޮއިންޓް ހޯދިއިރު، ކިންގްސްގެ ޕްރެޝަސް އަޗިއުވާ ވަނީ 18ޕޮއިންޓް ހޯދާފައެވެ. މީގެ އިތުރުން، ކްލީވްލެންޑް ކެވެލިއާސްގެ މައްޗަށް 124-113އިން ބޮސްޓަން ސެލްޓިކްސް ކުރިހޯދިއިރު، ނިއު އޯލިއަންސް ޕެލިކަންސް ބަލިކޮށް މައާމީ ހީޓުން މޮޅުވީ 128-118އިންނެވެ. އަދި ފިލަޑެލްފިއާ ސެވެންޓީ ސިކްސާސް އަތުން 114-108އިން ބްރޫކްލިން ނެޓްސް މޮޅުވިއިރު، ސެން އެންޓޯނިއޯ ސްޕާސްގެ މައްޗަށް އެޓްލާންޓާ ހޯކްސްއިން ވަނީ 123-116ޕޮއިންޓުން ކުރިހޯދާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.