ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް އެކުލަވާލި ނިއުޒީލެންޑްގެ ގައުމީ ޓީމުން ފުރުސަތު ލިބުމާ ގުޅިގެން، އެ ގައުމުގެ ގައުމީ ކީޕަރު މައިކަލް ވުޑް މި އަހަރުގެ ޖޫން މަހު ކުރަން ރާވާފައި އޮތް ކައިވެނި ފަސްކޮށްފިއެވެ.
އުމުރުން 27 އަހަރުގެ އޯކްލޭންޑްގެ ކީޕަރު ވުޑް ކުރިން ނިންމައިގެން ހުރީ އޭނާގެ ލޯބިވެރިޔާ ޒަނާ ރެންޓޮންއާ މި ޖޫން މަހު ކައިވެނި ކުރުމަށެވެ. ނަމަވެސް ގައުމީ ޓީމުން ޖާގަ ލިބުމުން މިހާރު ވަނީ ކައިވެނި އަންނަ އަހަރަށް ފަސްކޮށްފައެވެ.
ވުޑް ކައިވެނީގެ ހުރިހާ ކަމެއް ޖޫން މަހަށް ތާވަލުކުރީ ގައުމީ ޓީމުން އޭނާއަށް ފުރުސަތެއް ލިބޭނެ ކަމަށް އުންމީދު ނުކޮށް ހުރުމުންނެވެ. ނިއުޒީލެންޑްގެ ކޯޗު ޑަރެން ބާޒްލީ އެކުލަވާލި 26 ކުޅުންތެރިންގެ ސްކޮޑުގައި ވުޑް ހިމެނެނީ ޓީމުގެ ތިންވަނަ ކީޕަރުގެ ގޮތުގައެވެ. ޓީމުގެ ފުރަތަމަ ދެ ކީޕަރުންނަކީ މެކްސްއާއި އެލެކްސް ޕޯލްސަންއެވެ. އެހެންކަމުން، މި ފަހަރުގެ ވޯލްޑް ކަޕްގައި އޭނާއަށް ކުޅުމުގެ ފުރުސަތު ލިބުމަކީ ވަރަށް ނާދިރު ކަމެކެވެ.
ކައިވެނި ފަސްކުރަން ޖެހުނު ނަމަވެސް، ވޯލްޑް ކަޕަށް ދިއުމަކީ ލިބޭ ބޮޑު ޝަރަފެއްކަން ފާހަގަކުރަމުން ވުޑް ބުންޏެވެ.
"އަހަރެންގެ ލޯބިވެރިޔާ ވަރަށް ތަރުހީބުދޭ (ވޯލްޑް ކަޕް) ކުޅެން. މިއީ ކޮންމެ ހަތަރު އަހަރުން އެއް ފަހަރު އަންނަ ކަމެއް. ޓީމުގައި އަހަރެންގެ ރޯލު ވެސް ވަރަށް ސާފު. އެހެން ނަމަވެސް ވޯލްޑް ކަޕް ކުޅެން ކައިވެނި ފަސް ކުރުމަކީ ކުރަން ގޯސް ކަމެއް ނޫން. އަހަރުމެން ދެން އިންނާނީ އަންނަ އަހަރު،" ވުޑް ބުންޏެވެ.
ނިމިދިޔަ ސީޒަނުގައި އޯކްލެންޑް ޓީމުގައި ވެސް ވުޑް ގިނައިން އިނީ ބެންޗުގައެވެ. އޭނާއަށް ކުޅުމުގެ ފުރުސަތު ލިބުނީ އެ ޓީމުގެ އެއްވަނަ ކީޕަރު އޮލިވަރ ސެއިލްގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. އެ ފުރުސަތުގެ ބޭނުން ހިފައި ވުޑް ދެއްކި މޮޅު ކުޅުމުގެ ސަބަބުން، ގައުމީ ކޯޗުގެ ސަމާލުކަން އޭނާއަށް ހުއްޓި، ޓީމުން ޖާގަ ދޭން ނިންމީއެވެ.
މިއަހަރުގެ ޖޫން 11އިން ޖުލައި 19އަށް އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ވޯލްޑް ކަޕްގައި 48 ގައުމެއް ވާދަކުރެއެވެ. ނިއުޒީލެންޑް ހިމެނެނީ އިރާނާއި، މިސުރު އަދި ބެލްޖިއަމްއާ އެކު ގްރޫޕް ޖީގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.