ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފުޓްސަލް އެވޯޑަށް ވާދަކުރާ ފަސް ކުޅުންތެރިންގެ ނަން ހާމަކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

އަންނަ ބުރާސްފަތި ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ އެފްއޭއެމް އެވޯޑްސް ޙަފުލާގައި، ތާރީޚުގައި ފުރަތަމަ ފަހަރަށް ދިނުމަށް ނިންމާފައިވާ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ މަޤާމަށް ވާދަކުރާ، ޤައުމީ ޓީމުގެ މުހިންމު ފަސް ކުޅުންތެރިއެއްގެ ނަން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އާންމުކޮށްފިއެވެ. 

މި ޝަރަފުވެރި އިނާމަށް ނޮމިނޭޓުވެފައިވަނީ، އަލަށް ބޭއްވުނު ސާފް ފުޓްސަލް މުބާރާތުގެ ރަން މެޑަލް ރާއްޖެއަށް ކާމިޔާބުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި ކުޅުންތެރިންނެވެ. އެއީ ޤައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުޙައްމަދު އިމްރާން (އިންމި)ގެ އިތުރުން، އަބްދުﷲ ޝާފިއު (ޝާއްޕެ)، އަޙްމަދު ހަމީދު (އަންމަޑޭ)، އަޙްމަދު ރާހިލް ރަޝީދު (ރާއްކޮ)އަދި ޒައިދާން އަޙްމަދު (އަސޫ)އެވެ.

އެފްއޭއެމްގެ ކުޑައިގެ ދަށުން ރަސްމީ ސިފައެއްގައި ފުޓްސަލް ކުރިއެރުވުމަށް ފަށާފައިވާ ހަރަކާތްތަކުގެ ތެރެއިން، މި ފަހަރުގެ އެވޯޑު ނައިޓުގައި ފުޓްސަލް އާއިލާއަށް ޚާއްޞަ އިސްކަމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ދެކުނު އޭޝިއާގެ ޗެމްޕިއަންކަން ހޯދި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ކުރި ބުރަ މަސައްކަތުގެ އަގުވަޒަންކުރުން ވެސް ބުރާސްފަތި ދުވަހުގެ ރޭގެ ޙަފުލާގައި ކުރިއަށްދާނެއެވެ.

މީގެ އިތުރުން، ރާއްޖޭގައި ފުޓްސަލް އާ ހަރުފަތަކަށް ގެންދިއުމުގެ ގޮތުން ހަރުދަނާ އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް އެފްއޭއެމްއިން މިހާރު ދަނީ ކުރަމުންނެވެ. އަތޮޅު އަދި ޒޯން ލެވެލްގެ މުބާރާތްތަކަށްފަހު ރީޖަނަލް ކޮލިފައިން ކުޅެ، ޤައުމީ ފެންވަރުގެ ފުޓްސަލް ޕްރިމިއަރ ލީގެއް ތައާރަފުކުރުމަށް އެ އިދާރާއިން އަމާޒު ހިފާފައިވާއިރު، އޭގެ ތެރެއިން ޒޯން ބުރުގެ ކުޅުން މިހާރު ވެސް ދަނީ ހިނގަމުންނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު