ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފުޓްސަލް އަތޮޅު ބުރު ނިމި، ޒޯން ލެވެލް ފަށަނީ

ޝެއާ ކުރޭ Facebook Telegram Viber X

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ރަސްމީކޮށް ބަލައިގަނެގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ އަތޮޅު ޗެމްޕިއަނުން ކަށަވަރުވެ، މުބާރާތުގެ ޒޯން ބުރުގެ ކުޅުން މިއަންނަ ހުކުރު ދުވަހު ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.

މި މުބާރާތުގެ ޒޯން ބުރުގައި ވާދަކުރާނީ 16އަތޮޅެއްގައި ކުޅެވުނު އަތޮޅު ބުރުގެ ޗެމްޕިއަނުންނާއި ރަނަރަޕް ޓީމުތަކުގެ އިތުރުން، އެންމެ ޓީމަކުން ބައިވެރިވެފައިވާ އަތޮޅުތަކުގެ ޓީމުތަކެވެ. މި ބުރުގެ ގްރޫޕް ސްޓޭޖުގެ ކުޅުން މި މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އަދި އަންނަ އޮކްޓޯބަރު މަހުގެ 3ވަނަ ދުވަހު ސެމީ ފައިނަލް މެޗުތައް ކުޅުމަށްފަހު، ޒޯން ޗެމްޕިއަނުން ކަނޑައަޅާ ފައިނަލް މެޗުތައް އޮންނާނީ އޮކްޓޯބަރު 6ގައެވެ.

ޒޯން ބުރުގެ ފުރަތަމަ މެޗުތައް ހުކުރު ދުވަހު ފަށާއިރު، އެންމެ ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވަނީ ނޯތު ޒޯން 2ގެ ގްރޫޕް އޭގައި ހިމެނޭ ނ. މަނަދޫ އާއި ޅ. ހިންނަވަރު ބައްދަލުކުރާ މެޗެވެ. ހަމަ އެ ދުވަހު ބ. އޭދަފުއްޓާއި ރ. އިނގުރައިދޫ ވާދަކުރާ މެޗު ވެސް އޮންނާނެއެވެ.

ޒޯންތައް ބެހިފައިވާ ގޮތަށް ބަލާއިރު، ނޯތު ޒޯން 1ގައި ހިމެނެނީ ހދ. ނައިވާދޫ، ހދ. ހަނިމާދޫ، ހއ. ފިއްލަދޫ، ހއ. އިހަވަންދޫ އަދި ށ. ކަނޑިތީމެވެ. ނޯތު ޒޯން 2ގްރޫޕް އޭގައި މަނަދޫ އަދި ހިންނަވަރުގެ އިތުރުން ބ. ތުޅާދޫ އާއި ރ. އިނގުރައިދޫ ހިމެނޭއިރު، ގްރޫޕް ބީގައި އޮތީ އޭދަފުށި، ނ. މަގޫދޫ އަދި ރ. ދުވާފަރެވެ. ސެންޓްރަލް ޒޯން 1ގެ ގްރޫޕް އޭގައި ކ. ހިންމަފުށި، އއ. ބޮޑުފޮޅުދޫ އަދި އއ. މަތިވެރި ހިމެނެއެވެ. އަދި ގްރޫޕް ބީގައި ވާދަކުރާނީ އދ. ދަނގެތި، އދ. މަންދޫ އާއި ކ. ގާފަރެވެ. މީގެ އިތުރުން ސެންޓްރަލް ޒޯން 2ގެ ގްރޫޕް އޭގައި ދ. ކުޑަހުވަދޫ، ދ. މާއެނބޫދޫ، ފ. ނިލަންދޫ އަދި މ. ވޭވަށު ހިމެނޭއިރު، ގްރޫޕް ބީގައި އޮތީ މ. ދިއްގަރު، ފ. ދަރަނބޫދޫ އަދި ވ. ކެޔޮދޫއެވެ.

މުބާރާތުގެ ދެކުނުގެ ޒޯންތަކަށް ބަލާއިރު، ސައުތު ޒޯން 1ގެ ގްރޫޕް އޭގައި ވާދަކުރަނީ ތ. ތިމަރަފުށި، ގއ. ދެއްވަދޫ އަދި ގއ. ވިލިނގިއްޔެވެ. މި ޒޯނުގެ ގްރޫޕް ބީގައި ލ. އިސްދޫ، ތ. ވޭމަންޑޫ އަދި ލ. ގަން ހިމެނިފައިވެއެވެ. އަދި އެންމެ ފަހު ޒޯން ކަމަށްވާ ސައުތު ޒޯން 2ގައި ވާދަކުރާ ހަތަރު ޓީމަކީ ފުވައްމުލަކު ސިޓީ، ސ. ހިތަދޫ، ގދ. ވާދޫ އަދި ގދ. ފަރެސްމާތޮޑާއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު