ނޭޕާލްގެ ކަތުމަންޑޫގައި ކުރިއަށްދާ ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ރޭންކިންގ ބުރުގެ ފަހު މެޗުގައި ބަންގްލަދޭޝް ބަލިކޮށް، ދިވެހިރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމުން މުބާރާތުގެ ހަތްވަނަ މަގާމު ހޯދައިފިއެވެ.
ވާދަވެރި ކުޅުމަކަށްފަހު ރާއްޖެއިން މި މެޗު ކާމިޔާބުކުރީ ފުރަތަމަ ސެޓު ގެއްލިފައި ވަނިކޮށް، ފަހަތުން އަރައި 1-3 ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓު ބަންގްލަދޭޝްއިން ގެންދިޔައީ 25-27 އިންނެވެ. ނަމަވެސް، ޖެހިގެން އައި ތިން ސެޓުގައި ކުޅުން ރަނގަޅުކޮށް ރާއްޖެއިން ވަނީ 11-25، 17-25 އަދި 12-25 ގެ ނަތީޖާއަކުން ސެޓުތައް ކާމިޔާބުކޮށް މެޗު ކަށަވަރުކޮށްފައެވެ. މި މެޗުގައި ދެއްކި މޮޅު ކުޅުމާ އެކު، މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ރާއްޖޭގެ ކެޕްޓަން ޙައްވާ ރާޝިދާއެވެ.
މި މެޗާ ދެޓީމުން ވެސް ކުރިމަތިލިއިރު، ގުރޫޕް ސްޓޭޖުގެ ތިން މެޗާއި ރޭންކިންގ ބުރުގެ ފުރަތަމަ މެޗުން ބަލިވެ، ދެ ގައުމަށް ވެސް މީގެ ކުރިން އެއްވެސް ސެޓެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ. އެހެންކަމުން، މިއީ މި މުބާރާތުގައި ދެ ގައުމުން ވެސް ހޯދި ފުރަތަމަ ސެޓުތަކާއި ފުރަތަމަ މޮޅެވެ.
ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމިއްޔާ (އެފްއައިވީބީ) ގެ ރޭންކިންގގައި ރާއްޖެ އަލަށް ހިމެނުނުއިރު 63 ވަނައިގައި އޮތް ނަމަވެސް، ގުރޫޕް ސްޓޭޖުގެ ނަތީޖާތަކާ އެކު ރާއްޖެ ވަނީ 10 ދަރަޖަ ފަހަތަށް ސޮއްސައިލާ، 73 ވަނައަށް ވެއްޓިފައެވެ. ނަމަވެސް، ބަންގްލަދޭޝް އަތުން ހޯދި މި މޮޅާ އެކު ރާއްޖެ ވަގުތީގޮތުން 70 ވަނައަށް ޖެހިލި ނަމަވެސް، މުބާރާތުގެ ހުރިހާ މެޗެއް ނިމުނުއިރު ރާއްޖެ އޮތީ ރޭންކިންގގެ 71 ވަނައިގައެވެ.
ޖުމްލަ އަށް ގައުމަކުން ވާދަކުރި މި މުބާރާތުގެ ފަސްވަނައިން ފެށިގެން އަށްވަނައާ ހަމައަށް ރޭންކު ކުރެވުނު ޓީމުތަކަށް ބަލާއިރު، ފަސްވަނަ ހޯދާފައި ވަނީ ކިރްގިސްތާނެވެ. އަދި ހަވަނަ ސްރީލަންކާއަށް ލިބުނުއިރު، ހަތްވަނަ ރާއްޖެއަށް އަދި މުބާރާތުގެ އެންމެ ފުލަށް ދިޔައީ ބަންގްލަދޭޝްއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.