ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި ކުރިއަށްދާ ކާވާ އަންހެނުންގެ ވޮލީބޯޅަ މުބާރާތުގައި ދިވެހި ޓީމު ކުޅުނު ތިންވަނަ ކުރިމަތިލުމުން މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލް އަތުން ސީދާ ތިން ސެޓުން ބަލިވެއްޖެއެވެ.
މި ގްރޫޕުގައި ހިމެނޭ ވަރުގަދަ އިންޑިއާގެ އިތުރުން ކިރްގިސްތާނާ ވާދަކޮށް ވެސް ރާއްޖެއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް، މި މެޗުތަކުގައި ދިވެހި ކުޅުންތެރިން ދެއްކި ކުޅުން ކުރިއަށް ވުރެ ރަނގަޅުކަން ފާހަގަކުރެވުނެވެ.
މި މެޗުގެ ފުރަތަމަ ސެޓު ނޭޕާލުން ފަސޭހަކަމާ އެކު 12-25 އިން ކާމިޔާބުކުރިއިރު، ދެވަނަ ސެޓު އެ ގައުމުން ގެންދިޔައީ 09-25 ގެ ބޮޑު ލީޑަކާ އެކުއެވެ. އެހެން ނަމަވެސް، ތިންވަނަ ސެޓުގައި ރާއްޖޭގެ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށް ވާދަވެރި ކުޅުމެއް ދެއްކި ނަމަވެސް، ތަޖުރިބާގެ އެހީގައި ނޭޕާލުން މި ސެޓު 20-25އިން ކާމިޔާބުކޮށް މެޗު ކާމިޔާބުކުރިއެވެ.
މި ނާކާމިޔާބީއާ އެކު ރާއްޖޭގެ ޓީމަށް މުބާރާތުގެ ދަތުރު މިވަނީ ނިމުމަކަށް އައިސްފައެވެ. މުބާރާތަށް ފުރުމުގެ ކުރިންވެސް މިއީ ވަރަށް ވާދަވެރި އަދި އުނދަގޫ މުބާރާތަކަށް ވާނެކަމަށް ކުޅުންތެރިންނާއި އޮފިޝަލުން ބުނެފައިވެއެވެ. އަދި ޓީމުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ރޭންކިން ރަނގަޅުކުރުން ކަމަށް ވެސް އެ ފަރާތްތަކުން ހާމަކުރިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގެ އަންހެން ގައުމީ ވޮލީ ޓީމު ވަނީ ތާރީޚީ ގޮތުން ފުރަތަމަ ފަހަރަށް ދުނިޔޭގެ ވޮލީގެ މައި އިދާރާގެ ރޭންކިންއިން ޖާގަ ހޯދައިފައެވެ. އެގޮތުން ދުނިޔޭގެ ރޭންކިންގެ 63ވަނަ ރާއްޖެއަށް ލިބޭއިރު، އޭޝިއާ ބައްރުން ރާއްޖެ އޮތީ 12 ވަނައިގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.