އަންނަ ހުކުރު ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ ނައިބޮލި ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗުގައި ވާދަކުރާނެ ދެ ޓީމަކީ ކޮނަހާސް އަދި ކޮރަކަލި އެފްސީކަން ޔަގީންވެއްޖެއެވެ.
ފަންސާސް ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ޗެމްޕިއަން ޓީމަށް ހުށަހަޅާފައިވާ މި މުބާރާތުގެ ތައްޓަށް ވާދަކުރުމުގެ ފުރުސަތު ކޮރަކަލި އެފްސީ އިން ހޯދީ ސެމީ ފައިނަލްގައި ފަސޭހަކަމާއެކު ކޭކޭޑީޑީގެ މައްޗަށް ކުރިހޯދައިގެންނެވެ. ފަސް ލަނޑު ސުން ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ކޮރަކަލި މޮޅުވި މި މެޗުގައި ރައްޒާން ޖައުފަރުގެ އިތުރުން ހުސެއިން ފައިސަލް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ ފަސްވަނަ ލަނޑު އަބްދުالله ރަމީޒު އަހުމަދު ޖަހައިދިންއިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ގޯލުތައް ޖެހުމަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ބިދޭސީ ކުޅުންތެރިޔާ މޮހޮސިންއެވެ.
މުބާރާތުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކުރި ކޮނަހާސް އިން ސެމީގައި ނުކުތީ އަރޭކާ ސްޕޯރޓްސް ކްލަބާ ދެކޮޅަށެވެ. މި މެޗު ތިނެއް ސުމަކުން ކޮނަހާސް ކާމިޔާބުކުރިއިރު، އެ ޓީމުގެ ހުރިހާ ލަނޑެއް ވެސް ޖަހައިދީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކުރީ ތަފާތު މޮޅު ކުޅުމެއް ދެއްކި އަހުމަދު އަޝްރަފްއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.