ޖަރުމަނު ބުންޑެސްލީގާގެ ފުލުގައި މިވަގުތު އޮތް ބޮރޫޝިއާ މޮންޗެންގްލަޑްބަކުން، މި ސީޒަނުގައި ކުރިމަތިވި ވިދިވިދިގެން ހަތަރު ބައްޔާ އެކު ޔޫގެން ޕޮލާންސްކީ މަގާމުން ދުރުކުރުމަށް ފަހު، އެ ޓީމުގެ އައު ހެޑް ކޯޗެއްގެ ގޮތުގައި އެލެކްސެންޑަރ ބްލެސިން މިއަދު އައްޔަންކޮށްފިއެވެ.
ބްލެސިން ވަނީ 2028ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ކުލަބާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އޭނާ ރަސްމީކޮށް މީޑިއާއަށް ތައާރަފުކުރުމަށް ހަމަޖެހިފައި ވަނީ، ކުލަބުގެ ހެޑް އޮފް ސްޕޯޓްސް ރޫވެން ޝްރޫޑާއާއެކު މާދަމާ މެންދުރުފަހު ބޮރޫޝިއާ-ޕާކުގައި ބާއްވާ ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މިދިޔަ މަހުގެ 13ވަނަ ދުވަހު ޕޮލަންސްކީ ކޯޗުކަމުން ވަކިކުރުމާ ގުޅިގެން، ވަގުތީގޮތުން ޓީމުގެ އިރުޝާދު ދިނުމާ ހަވާލުވީ ޔޭން-މޮރިޓްޒް ލިކްޓޭއެވެ. އެހެންނަމަވެސް، އޭނާގެ ބެލުމުގެ ދަށުން މައިންޒްއާ ދެކޮޅަށް ކުޅުނު މެޗުންވެސް 4-3އިން ބަލިވުމާއެކު، ނަތީޖާއަށް ރަނގަޅު ބަދަލެއް ގެނެވިފައެއް ނުވެއެވެ.
ގްލަޑްބަކާ ހަވާލުވުމުގެ ކުރިން ބްލެސިން މަސައްކަތްކުރީ ސެއިންޓް ޕައުލީގައެވެ. ފޭބިއަން ހޫޒެލާގެ އިރުޝާދުގެ ދަށުން ޕްރޮމޯޓްވި އެ ޓީމާ ބްލެސިން ހަވާލުވީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ. އޭނާ ވަނީ ޖަރުމަނުގެ ފުރަތަމަ ޑިވިޝަނުގައި އެ ޓީމު އެއް އަހަރު ބާއްވައިދީފައެވެ. ނަމަވެސް ނިމިދިޔަ ސީޒަނުގައި އެ ޓީމު ވަނީ ރެލިގޭޓްވެފައެވެ. ސެއިންޓް ޕައުލީއަކީ ސީނިއަރ ލެވެލްގައި ޖަރުމަނުގައި އޭނާ ކޯޗުކޮށްދިން ފުރަތަމަ ކުލަބެވެ. އޭގެ ކުރިން އޭނާ ވަނީ ރަލްފް ރަންގްނިކްގެ އިރުޝާދުގެ ދަށުން އާރްބީ ލައިޕްޒީގުގެ ޒުވާން ޓީމުތަކުގައި އަށް އަހަރު ހޭދަކޮށްފައެވެ. އަދި އިޓަލީގެ ޖެނޯއާ އާއި ބެލްޖިއަމްގެ ކޭވީ އޮސްޓެންޑޭ އަދި ޔޫނިއަން ސެއިންޓް-ގިލޮއިސްއަށް ވެސް ކޯޗުކޮށްދީފައިވެއެވެ.
ފާއިތުވި ސީޒަނުގައި ލީގުގެ 12ވަނައިގައި ގްލަޑްބަކް ނިންމާލިއިރު، އެ ޓީމު އޮތީ ރެލިގޭޝަން ޒޯނާ ނުވަ ޕޮއިންޓް ދުރުގައެވެ. ބްލެސިންގެ ބެލުމުގެ ދަށުން ގްލަޑްބަކް ކުޅޭ ފުރަތަމަ މެޗުގައި އަންނަ އޮކްޓޫބަރު މަހުގެ 11ވަނަ ދުވަހު ނުކުންނާނީ އެފްސީ ކޮލޯންއާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން، މިހާރު ކުރިއަށްދާ ބައިނަލްއަގުވާމީ ބްރޭކުގެ ބޭނުން ހިފައިގެން ޓީމު ރަނގަޅުކުރުމުގެ ފުރުސަތު އޭނާއަށް ލިބިގެންދާނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.