ތިން އަހަރު ދުވަހުގެ ދިގު މެދުކެނޑުމަކަށް ފަހު މާލޭގެ ކުޅިވަރު އެކުވެނީގައި ކުރިއަށްގެންދިޔަ 50ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތުގެ ކުޅުން އާދީއްތަ ދުވަހުގެ ރޭ ނިންމާލައި، މުބާރާތުން ފާހަގަކޮށްލެވުނު ކުޅުންތެރިންނަށާއި ޓީމުތަކަށް އިނާމު ހަވާލުކޮށްފިއެވެ.
މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި، ކާމިޔާބު ހޯދި ފަރާތްތަކަށް ޓްރޮފީއާއި މެޑަލް ދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް ފާއިދުއެވެ. މި ފަހަރުގެ މުބާރާތުގެ އެންމެ ޝަރަފުވެރި އެއް ވަނަ ކަމަށްވާ ސިންގަލްސް ކެޓަގަރީގެ ޗެމްޕިއަންކަން އުފުލާލީ ނަބާހާ ޢަބްދުއްރައްޒާޤާއި، ޤައުމީ ފައިނަލެއްގައި އަލަށް ވާދަކުރި ހައިޝަމް އިބްރާހީމް ޢަލީއެވެ.
އަންހެން ސިންގަލްސްގެ ތާޖު ނަބާހާ އަމިއްލަ ކުރީ، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ނަބީހާ ޢަބްދުއްރައްޒާޤާ ދެކޮޅަށް ކުޅެ، ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
މުބާރާތުގެ ޑަބަލްސް އިވެންޓްތަކަށް ނަޒަރު ހިންގާލާއިރު، ފިރިހެން ޑަބަލްސްގެ އެއްވަނަ މަގާމު ޒަޔާން ޒަކީ އަދި ނިބާލް އަހްމަދުގެ ޕެއާއިން ހޯދީ، ފައިނަލްގައި ހައިޝަމް އިބްރާހީމް ޢަލީ އާއި މުޙައްމަދު ޚަލަފް އިމްރާންގެ ޕެއާ ބަލިކުރުމަށް ފަހުގައެވެ. އަދި އަންހެން ޑަބަލްސް ކާމިޔާބުކުރީ މައިސާ ފަތުޙުﷲ އާއި ޢާއިޝަތު އަފްނާން ރަޝީދުގެ މައްޗަށް ކުރި ހޯދައިގެން ނަބާހާއާއި ނަބީހާގެ ޕެއާއިންނެވެ.
ފުރަތަމަ ޑިވިޝަނުގެ ޓީމް އިވެންޓަށް ބަލާއިރު، މި ކެޓަގަރީގެ އަންހެން އަދި ފިރިހެން ބައިގެ ޗެމްޕިއަންކަން ވެސް ހޯދާފައިވަނީ ރިވައިވަލް އިން ސްޕޯޓްސް ކްލަބުންނެވެ. އެ ކުލަބުން ފިރިހެން ބައިގެ ތާޖު ހޯދީ ފައިނަލްގައި 3-1އިން ޕޮލިސް ކުލަބު ބަލިކޮށްގެންނެވެ. އަދި އަންހެން ބައިން ކުރި ހޯދީ ސީއެސްގެ މައްޗަށް ސީދާ ތިން ސެޓުން ކާމިޔާބު ހޯދައިގެންނެވެ.
މީގެ އިތުރުން ދެވަނަ ޑިވިޝަނުގެ ކުޅުމަށް ބަލާއިރު، ފިރިހެން ބައިގެ ޗެމްޕިއަންކަން ރައިޒިން ސްޓާއިން ކާމިޔާބުކުރީ 3-2ގެ ނަތީޖާއަކުން ސީއެސްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އަދި އަންހެން އިވެންޓުގެ ތާޖު އެމް ސްޕޯޓްސް ކުލަބުން ހޯދީ ފައިނަލްގައި ޓޫޒީ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެ ސީދާ ތިން ސެޓުން ކުރި ހޯދައިގެންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.