ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު މާފަންނު ކުޅިވަރު އެކުވެނީގައި ކުރިއަށްދާ 50ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ތާރީޚުގައި ފުރަތަމަ ފަހަރަށް ހައިޝަމް އިބްރާހިމް އަލީ ކާމިޔާބުކުރިއިރު، އަންހެން ސިންގަލްސް ތަށި ނަބާހާ ޢަބްދުއްރައްޒާޤް ހޯދައިފިއެވެ.
ހޯމަ ދުވަހުގެ ހަވީރު ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ނިބާލް އަހްމަދުގެ މައްޗަށް ހައިޝަމް ކުރިހޯދީ 2-1ސެޓުންނެވެ. މި މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ 17-15، 08-15އަދި 15-12އިންނެވެ. ކުޅުމާ ދުރުގައި ދުވަސްކޮޅަކު ހޭދަކުރުމަށްފަހު އެނބުރި އައިސް، މިއީ ހައިޝަމް ޤައުމީ ފައިނަލެއްގައި ވާދަކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ފައިނަލަށް އޭނާ ދަތުރުކުރީ ސެމީގައި ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ ޒަޔާން ޒަކީ 15-06، 11-15އަދި 15-04އިން ބަލިކުރުމަށް ފަހުގައެވެ. މީގެ އިތުރުން، ނިބާލް ފައިނަލުން ޖާގަ ހޯދީ ހަސަން ޒަޔާން މުހައްމަދު އަތުން 16-14އަދި 15-10އިން މޮޅުވެގެންނެވެ.
އަންހެން ސިންގަލްސް ބައިގެ އެއްވަނަ ނަބާހާ ކަށަވަރުކުރީ، އެންމެ ފަހުގެ ޗެމްޕިއަން ނަބީހާ ޢަބްދުއްރައްޒާޤާ ވާދަކޮށް، ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މާބޮޑު އުނދަގޫތަކަކާ ނުލައި ނަބާހާ މި މެޗުގެ ސެޓުތައް ކާމިޔާބުކުރީ 15-06އަދި 15-12އިންނެވެ.
މީގެ އިތުރުން، މި މުބާރާތުގެ ޑަބަލްސް އިވެންޓްތަކުގެ ފައިނަލްތައްވެސް ވަނީ ކުޅެފައެވެ. ފިރިހެން ޑަބަލްސްގެ ތަށި ޒަޔާންއާއި ނިބާލްގެ ޕެއާއިން އުފުލާލީ، ހައިޝަމް އަދި މުހައްމަދު ޚަލަފް އިމްރާންއާ ބައްދަލުކޮށް 15-07އަދި 07-15އިން ކުރި ހޯދައިގެންނެވެ. އަދި އަންހެން ޑަބަލްސްގެ ޗެމްޕިއަންކަން ނަބާހާއާއި ނަބީހާގެ ޕެއާއިން ކަށަވަރުކުރީ މައިސާ ފަތުޙުﷲ އާއި ޢާއިޝަތު އަފްނާން ރަޝީދުގެ ޕެއާގެ މައްޗަށް 15-04އަދި 15-05އިން ކުރިހޯދައިގެންނެވެ.
މިހާރު މި މުބާރާތުގައި ބާކީ އޮތީ ޓީމު އިވެންޓްތަކުގެ ފައިނަލް މެޗުތަކެވެ. ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ ޓީމު ފައިނަލްތައް އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 02:00ގައި ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.