ދެކުނު އެފްރިކާގެ ބްރެޓޯރިއާގައި ކުޅުނު ފީފާ އިންޓަރކޮންޓިނެންޓަލް ކަޕްގެ ދެވަނަ ބުރުގައި އޭޝިއާގެ ޗެމްޕިއަން އަލް އަހްލީގެ މައްޗަށް 2-1ގެ ނަތީޖާއަކުން ކުރިހޯދައި، އެފްރިކާގެ ޗެމްޕިއަން މަމެލޯޑީ ސަންޑައުންސްއިން މުބާރާތުގެ ޕްލޭއޮފް ނުވަތަ ފީފާ ޗެލެންޖަރސް ކަޕަށް ދަތުރުކޮށްފިއެވެ.
'ފީފާ އެފްރިކަން އޭޝިއަން ޕެސިފިކް ކަޕް' ގެ ނަމުން ނަންދީފައިވާ މި މުހިންމު ކުރިމަތިލުމުގައި ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ސަންޑައުންސްއަށް މެޗުގެ ލީޑު ނަގައިދިނީ 17ވަނަ މިނެޓުގައި ޕޯޗުގަލްގެ ހުނަރުވެރި ފޯވާޑް ނޫނޯ ސަންޓޯސްއެވެ. ނަމަވެސް، ސަންޑައުންސްގެ ކީޕަރު ރޮންވެން ވިލިއަމްސްގެ އަތުން ބައިކޮޅަށް ވަން ލަނޑަކާއެކު އަލް އަހްލީއިން ނަތީޖާ ހަމަހަމަކޮށް، މެޗުގެ އޮއިވަރު ބަދަލުކޮށްލިއެވެ. މި މެޗުން ސަންޑައުންސް މޮޅުކޮށްދިން ލަނޑު، މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ސަންޓޯސްއެވެ. އޭގެ ފަހުން އަލް އަހްލީއިން ނަތީޖާ ބަދަލުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އެކަން ވަނީ ނާކާމިޔާބުވެފައެވެ.
މި މޮޅާ އެކު ޗެލެންޖަރސް ކަޕްގައި ސަންޑައުންސް ވާދަކުރަންޖެހޭނީ "ފީފާ ޑާބީ އޮފް ދި އެމެރިކާސް"ކާމިޔާބުކުރާ ޓީމަކާއެވެ. އެ މެޗުގައި ބައްދަލުކުރާނީ ކޮންކާކަފްގެ ޗެމްޕިއަން ޓޮލޫކާއާއި މި އަހަރުގެ ކޮޕާ ލިބެޓަޑޯރެސް ކާމިޔާބުކުރާ ޓީމެކެވެ. ޗެލެންޖަރސް ކަޕުން މޮޅުވާ ޓީމަކަށް މުބާރާތުގެ ފައިނަލްގައި ނުކުންނަން ޖެހޭނީ ވިދިވިދިގެން ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އާ ދެކޮޅަށެވެ.
ކްލަބް ވޯލްޑް ކަޕްގެ ފޯމެޓަށް ގެނައި ބަދަލުތަކާ ގުޅިގެން ފީފާއިން އަލަށް ފެށި އިންޓަރކޮންޓިނެންޓަލް ކަޕްގެ މިހާތަނަށް ކުޅުނު ދެ މުބާރާތުގެ ތަށި ވެސް އުފުލާލާފައި ވަނީ ޔޫރަޕްގެ ބާރުތައް ކަމަށްވާ ރެއާލް މެޑްރިޑާއި ޕީއެސްޖީންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.