އިނގިރޭސި ޕްރިމިއަރ ލީގުގައި ރަށުން ބޭރުގައި ބްރައިޓަން އެންޑް ހޯވް އެލްބިއަންއާ ދެކޮޅަށް ކުޅުނު މެޗުގައި 3-0ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެ، އާސެނަލްއަށް މި ސީޒަނުގެ ފުރަތަމަ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެއެވެ.
ފާއިތުވި ދެ މެޗުން ހޯދި މޮޅާ އެކު ފުރިހަމަ އިތުބާރާ އެކު ދަނޑަށް ނުކުތް ބްރައިޓަންއިން ވަނީ މެޗުގެ ކޮންޓްރޯލް ނަގައި އާސެނަލްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެޓީމުން މެޗުގެ ލީޑު ނެގީ 31ވަނަ މިނެޓުގައި ޕަސްކަލް ގްރޮސް ކާމިޔާބުކުރި ހިތްގައިމު ލަނޑުންނެވެ. ޕެނަލްޓީ އޭރިއާގެ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ ގޯލުގެ ތެރެއަށް ވަނީ ދަނޑީގައި ޖެހިފައެވެ. އޭގެ ފަހުން ޗަރަލަމްޕޯސް ކޮސްޓޫލަސް ވަނީ ބްރައިޓަންގެ ދެވަނަ ލަނޑު ޖަހައި އެޓީމަށް ނަތީޖާ ފުޅާކޮށްދީފައެވެ. އަދި ބްރައިޓަންގެ ތިންވަނަ ލަނޑު، މެޗުގެ 57ވަނަ މިނެޓުގައި ލިބުނު ކޯނަރެއްގެ އެހީގައި ކާމިޔާބުކޮށްދިނީ ޗެމާ އަންޑްރޭސްއެވެ. މީގެ އިތުރުން ވެސް ލީޑު ފުޅާކުރުމަށް ބްރައިޓަންގެ ޑިފެންޑަރު ޕަސްކަލް ސްޓުރުއިކްއަށް ރަނގަޅު ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ.
މީގެ ކުރިން ލީގުގައި ވިދިވިދިގެން ނުވަ މެޗުން މޮޅުވެފައިވާ އާސެނަލްއަށް މި މެޗުގައި ހަމަޖެހިލައިގެން ކުޅޭނެ އެއްވެސް ފުރުސަތެއް ބްރައިޓަންގެ ކުޅުންތެރިން ނުދެއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކެޕްޓަން މާޓިން އޮޑެގާޑް އުފެއްދި ހަމަލާއެއްގެ ތެރެއިން ބުކާޔޯ ސާކާއަށް ލިބުނު ފުރުސަތު ބޭކާރުވިއިރު، މެޗުގެ ފަހުކޮޅު ލަނޑެއް ޖެހުމަށް ކައި ހަވާޓްޒް ފޮނުވާލި ބޯޅަވެސް ދިޔައީ ސީދާ ކީޕަރު ބާޓް ބަރބްރޫގަންގެ އަތަށެވެ. މިއާ އެކު 12ޕޮއިންޓް ލިބިފައިވާ އާސެނަލް ވަނީ ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ ދެވަނައަށް ވެއްޓިފައެވެ. އަދި ބްރައިޓަން ވަނީ ކުޅުނު ފަސް މެޗުން ހޯދި 10ޕޮއިންޓާ އެކު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. މިރޭ ސަންޑަރލަންޑް ބަލިކޮށްފި ނަމަ މެންޗެސްޓަރ ސިޓީއަށް އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު އޮންނާނެއެވެ.
ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އަމިއްލަ ދަނޑުގައި އެވަޓަންއިން ވަނީ 1-0އިން އިޕްސްވިޗް ޓައުންގެ މައްޗަށް ކުރިހޯދާފައެވެ. މެޗުގެ 11ވަނަ މިނެޓުގައި ތިއޭނޯ ބެރީ ޖެހި ލަނޑުން އެވަޓަން މޮޅުވިއިރު، މެޗުގެ 67ވަނަ މިނެޓުގައި އިޕްސްވިޗްގެ އަބްދުލް ފަތާވޫއަށް ވަނީ ދެ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާފައެވެ. މި މޮޅާ އެކު އެވަޓަން ވަނީ 9ޕޮއިންޓް ހޯދައި ތާވަލުގެ ފަސްވަނައަށް އަރާފައެވެ. އިޕްސްވިޗް އޮތީ 6ޕޮއިންޓާއެކު 11ވަނައިގައެވެ. މީގެ އިތުރުން ނޮޓިންގހަމް ފޮރެސްޓްގެ މައްޗަށް 1-0އިން ކުރިހޯދައި ކޮވެންޓްރީ ސިޓީން ވަނީ މި ސީޒަނުގެ ފުރަތަމަ މޮޅު ހާސިލުކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.