ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކްލޮޕްގެ އިރުޝާދުގެ ދަށުން ބޮޑު ދެ ސްކޮޑެއް ނަގައިފި

ޝެއާ ކުރޭ Facebook Telegram Viber X

ޖަރުމަނުގެ ގައުމީ ފުޓުބޯޅަ ޓީމާ ދާދި ފަހުން ހަވާލުވި ތަޖުރިބާކާރު ކޯޗު ޔާގެން ކްލޮޕް، ކުރިއަށް އޮތް އެކުވެރިކަމުގެ ހަތަރު މެޗެއްގައި ގިނަ ކުޅުންތެރިންތަކެއް ޓެސްޓުކުރުމުގެ ބޭނުމުގައި، ޖުމުލަ 44ކުޅުންތެރިން ހިމެނޭހެން ދެ ސްކޮޑެއް އިއުލާނުކޮށްފިއެވެ. 

މި ކުޅުންތެރިންގެ ތެރެއިން ފުރަތަމަ ސްކޮޑު ނެދަލޭންޑްސްއާ ދެކޮޅަށް މި މަހުގެ 24ވަނަ ދުވަހު ނުކުންނައިރު، އޭގެ ތިން ދުވަސް ފަހުން އަމިއްލަ ގައުމުގައި ނުކުންނާނީ ގްރީސްއާ ދެކޮޅަށެވެ. އަދި ދެވަނަ ސްކޮޑު އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު ސާބިއާއާ ކުރިމަތިލުމަށް ފަހު، ހަމަ އެ މަހުގެ ހަތަރުވަނަ ދުވަހު ރަށުން ބޭރުގައި ގްރީސްއާ ބައްދަލުކުރާނެއެވެ. 

ލިވަޕޫލް އަދި ޑޯޓްމަންޑަށް ކުރިން އިރުޝާދުދިން ކޯޗު ހާމަކުރި ގޮތުގައި، މިގޮތަށް ދެ ޓީމެއް ނެގުމުގެ މައިގަނޑު މަގުސަދަކީ ފިޓުކޮށް ތިބި ވީހާވެސް ގިނަ ކުޅުންތެރިންގެ ފެންވަރު ގާތުން ބަލައިލުމެވެ. މިއީ އޭ އަދި ބީ ޓީމުގެ ގޮތުގައި ކުރި ގިންތިއެއް ނޫންކަން ފާހަގަކުރަމުން ކްލޮޕް ބުނީ، ދެ ހަފުތާގެ ކުރު މުއްދަތެއްގެ ތެރޭގައި ހަތަރު މެޗު ކުޅެން ލިބުމަކީ ގައުމީ ޓީމަކަށް މަދުން ނޫނީ ނުލިބޭނެ ފުރުސަތެއް ކަމަށެވެ. އަދި އޭނާ ބުނީ މިހާރު މި ނެގި ސްކޮޑުތަކަކީ ކުރިއަށް އޮތް ތިން ހަތަރު އަހަރަށް ބިނާކުރާނެ ޓީމުގެ ބިންގާ ކަމުގައެވެ.

2014ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފަހުން ޖަރުމަނު ޓީމަށް ބައިނަލްއަގުވާމީ މައިދާނުގައި އެކަށީގެންވާ ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. އެކަން ފާހަގަކުރަމުން ކްލޮޕް ބުނީ، މުސްތަގުބަލަށް ވިސްނައިގެން ވަރަށް ފަރުވާތެރިކަމާއި ވިސްނުންތެރިކަމާ އެކު ޓީމު ބިނާކުރުން މިވަގުތު މުހިންމު ކަމަށެވެ. 

އައު ސްކޮޑުތައް އިއުލާނުކުރިއިރު، ޖަރުމަނުގެ ބައެއް މަޝްހޫރު ކުޅުންތެރިންނަށް ފުރުސަތު ދީފައެއް ނުވެއެވެ. އޭގެ ތެރޭގައި ލެރޯއީ ސާނޭ، ލިއޯން ގޮރެޓްޒްކާ، ޑެނިޒް އުންޑޭވް އަދި ކީޕަރު އޮލިވަރ ބައުމަން ހިމެނެއެވެ. މީގެ އިތުރުން ގައުމީ ޓީމަށް ކުޅުން ހުއްޓާލި އެންޓޯނިއޯ ރުޑިގާ އާއި މެނުއަލް ނޯޔާ ވެސް ޓީމުގައި ނުހިމެނެއެވެ. 

ނޯޔާ ރިޓަޔާކުރުމާ ގުޅިގެން، އެއްވަނަ ކީޕަރެއްގެ ގޮތުގައި ކްލޮޕް ހަމަޖައްސާފައި ވަނީ އުމުރުން 34އަހަރުގެ މާކް އަންދްރޭ ޓާސްޓެގަންއެވެ. އޭނާއަކީ ބާސެލޯނާ ދޫކޮށްލުމަށް ފަހު މިހާރު ނެދަލޭންޑްސްގެ އަޔެކްސްއަށް ކުޅެމުން އަންނަ ކީޕަރެކެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު