ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފްރާންސާއި ސައުތު އެފްރިކާއާ އެކު ޖޫނިއަރ ވޯލްޑްކަޕްގައި ރާއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

އަންނަ އޮކްޓޫބަރު މަހު އަޒަރުބައިޖާންގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ 15އަހަރުން ދަށުގެ ވޯލްޑް ކަޕް އެންޑް ފެސްޓިވަލް 2026ގެ ގްރޫޕް ސްޓޭޖުގައި، ދުނިޔޭގެ ފުޓުބޯޅައިގެ ގަދަބާރު ކަމަށްވާ ފްރާންސާއި ދެކުނު އެފްރިކާއާ އެއް ގްރޫޕެއްގައި ވާދަކުރުމުގެ ފުރުސަތު ދިވެހިރާއްޖޭގެ ޒުވާން ޓީމަށް ލިބިއްޖެއެވެ.

އޮކްޓޫބަރު 22އިން 31ގެ ނިޔަލަށް ކުރިއަށްދާ މި ބައިނަލްއަގުވާމީ މުބާރާތުގައި ރާއްޖެ ލައްވާލާފައިވަނީ ގްރޫޕް "އޭ"ގައެވެ. މި ގްރޫޕުގައި ފްރާންސާއި ދެކުނު އެފްރިކާގެ އިތުރުން ދެން ހިމެނެނީ އެސްޓޯނިއާ، ކޮސޯވޯ އަދި އަންގީލާއެވެ.

މި މުބާރާތަކީ ފީފާގެ ހުރިހާ މެމްބަރު ގައުމުތަކަށް ހުޅުވާލައިގެން، ކުޑަކުދިންގެ ފުޓުބޯޅައިގެ ހުނަރު ކުރިއެރުވުމަށް ޓަކައި ހާއްސަ ފަންޑެއްގެ އެހީގައި ބާއްވާ ފެސްޓިވަލެކެވެ. ފީފާ ކައުންސިލުން މިދިޔަ އަހަރުގެ ފަހުކޮޅު ފާސްކުރި އުސޫލުގެ ދަށުން، މިއަހަރުގެ މުބާރާތް ފިރިހެން ކުދިންނަށް ހާއްސަކޮށްފައިވާއިރު، އަންނަ އަހަރު ބާއްވާނީ އަންހެން ކުދިންގެ މުބާރާތެކެވެ. އަދި 2028ވަނަ އަހަރުން ފެށިގެން ދެ ޖިންސަށް ވަކިން، ހަމައެކަނި ދައުވަތު ދެވޭ ގައުމުތަކުގެ މެދުގައި މުބާރާތް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

2011އަދި 2012ވަނަ އަހަރު އުފަންވެފައިވާ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި ކޮންމެ ގައުމަކުންވެސް 14ކުޅުންތެރިން (2ގޯލްކީޕަރުން ހިމެނޭހެން)އަދި 6އޮފިޝަލުން ރަޖިސްޓްރީކުރަން ޖެހޭނެއެވެ. މުބާރާތުގެ އޮނިގަނޑު އެކުލަވާލާފައިވާ ގޮތުން ކޮލިފިކޭޝަން މަރުހަލާގައި 32ގްރޫޕެއް ހިމެނޭނެއެވެ. އަދި ވާދަވެރި މައިގަނޑު ސްޓޭޖުގައި 32ޓީމު 7ޑިވިޝަނަކަށް ބަހާލައިގެން މެޗުތައް ކުޅޭނެއެވެ. ކޮންމެ ޓީމަކަށް ވެސް ކޮލިފައިންގައި 5ނުވަތަ 6މެޗު އަދި މައިގަނޑު ސްޓޭޖުގައި 5 މެޗު ކުޅެން ލިބޭނެއެވެ.

މިފަދަ ބޮޑު މުބާރާތެއް އަޒަރުބައިޖާންގައި ބާއްވަނީ، އެ ގައުމަކީ ކުޅިވަރުގެ އުމްރާނީ ވަސީލަތްތައް ފުރިހަމަ، އަދި އަންނަ އަހަރުގެ 20އަހަރުން ދަށުގެ ވޯލްޑް ކަޕް ބޭއްވުމަށް ވެސް ތައްޔާރުވަމުން އަންނަ ގައުމަކަށް ވާތީއެވެ. މި މުބާރާތުގައި ދެކުނު އޭޝިއާ ސަރަހައްދުން ބައިވެރިނުވެވެނީ، ފީފާގެ ސަސްޕެންޝަނެއްގައި އޮތް ނޭޕާލަށް އެކަންޏެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު