މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 25އަދި 26ވަނަ ދުވަހު ކ. މާފުށީ ސްކޭޓް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ފުރޮޅުފިލާ ޗަރުކޭސް"ސްކޭޓްބޯޑިންގ މުބާރާތުގައި ވާދަކުރުމަށް މިހާތަނަށް ނުވަދިހައަށްވުރެ ގިނަ އެތުލީޓުން ރަޖިސްޓްރީކޮށްފައިވާކަމަށް ފުރޮޅުފިލާ ކުލަބުން ހާމަކޮށްފިއެވެ.
ރަސްމީކޮށް ނަންނޯޓުކުރުމުގެ މުއްދަތު މިހާރު ހަމަވެފައިވީ ނަމަވެސް، މުބާރާތަށް އޮތް ތަރުހީބު ބޮޑުކަމުން އިތުރު ބައިވެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށް އޮތް ދެ ދުވަހުވެސް ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެގޮތުން، އެ ކުލަބުގެ އިންސްޓަގްރާމް މެދުވެރިކޮށް އަދިވެސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮތްކަން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން އެ ފަރާތުން ވަނީ ކަށަވަރުކޮށްދީފައެވެ.
އުމުރުފުރާއަކަށް ބެލުމެއް ނެތި ރާއްޖޭގެ ކޮންމެ ރައްޔިތަކަށްމެ ހުޅުވާލައިގެން ބާއްވާ މި ހަރަކާތުގައި، އަތޮޅުތެރެއިން އަންނަ ސްކޭޓަރުންނަށް ހިލޭ ދަތުރުފަތުރާއި ހުރުމުގެ ކަންކަން ހަމަޖައްސައިދޭނެއެވެ. މީގެ އިތުރުން މާލެއިން ދަތުރުކުރާ ފަރާތްތަކަށް ވެސް ފެރީގެ ހިދުމަތް އެއްވެސް އަގަކާ ނުލައި ލިބޭނެގޮތް ވަނީ ފަހިކޮށްދީފައެވެ. ފުރޮޅުފިލާ ކުލަބުން މައުލޫމާތު ދޭގޮތުގައި މުބާރާތުގައި ވާދަކުރާ ހުރިހާ ފަރާތްތަކަކަށްވެސް ހަނދާނީ އިނާމު ދިނުމަށް ނިންމާފައިވާއިރު، ކޮންމެ ކެޓަގަރީއަކުން އެންމެ މޮޅު ގަދަ ތިން އެތުލީޓުންނަށް ހާއްސަ އިނާމުތަކެއް ދެވޭނެއެވެ.
ބައިނަލްއަގުވާމީ ފެންވަރުގެ ފަނޑިޔާރުން އިންސާފުކުރާ ގޮތަށް މިއަހަރުގެ މުބާރާތް ރާވާފައިވާއިރު، އިންތިޒާމުކުރާ ފަރާތުގެ އެންމެ ބޮޑު އުންމީދަކީ ރާއްޖޭގެ ހުނަރުވެރި އާ ސްކޭޓަރުންތަކެއް މި ޕްލެޓްފޯމުގެ ޒަރީއާއިން ފެނިގެންދިއުމެވެ. އަދި މި މުބާރާތް ކާމިޔާބުކަމާ އެކު ބޭއްވުމަށްޓަކައި އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ހުރިހާ ފަރާތްތަކަށް އެ ކުލަބުން ވަނީ ނުހަނު އިހުލާސްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.