މާފުށީގެ "ފުރޮޅުފިލާ"ކްލަބުން އިންތިޒާމުކޮށްގެން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރި އެތުލީޓުންނަށް ފުރުސަތު ދިނުމުގެ މަގުސަދުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ "ފުރޮޅުފިލާ ޗަރުކޭސް"ސްކޭޓްބޯޑިން މުބާރާތުގެ ދެވަނަ މުބާރާތް ސެޕްޓެމްބަރު މަހުގެ 25އަދި 26ވަނަ ދުވަހު ކ. މާފުށީ ސްކޭޓް ޕާކުގައި ބޭއްވުމަށް މިހާރު ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ.
މިދިޔަ އަހަރުގެ ކާމިޔާބީއަށް ފަހު މިއަހަރުގެ މުބާރާތް ގެނެސްދެނީ ފާހަގަކޮށްލެވޭ ބޮޑެތި ބަދަލުތަކަކާއެކުގައެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އިންތިޒާމުކުރާ ފަރާތުން ހާމަކުރި ގޮތުގައި، މިފަހަރުގެ އެންމެ ހާއްސަ ކަމަކީ މިއީ ގައުމީ ފެންވަރުގައި ހުޅުވާލެވިފައިވާ މުބާރާތަކަށް ވުމާއި، މުބާރާތުގެ އިންސާފުވެރިންގެ ގޮތުގައި ބައިނަލްއަގުވާމީ ފެންވަރުގެ ޖަޖުން ހަރަކާތްތެރިވުމެވެ. މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު މި ހަފުތާގެ ތެރޭގައި ހުޅުވާލުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
މި ހަރަކާތުގައި އުމުރުފުރާއެއްގެ ތަފާތެއް ނެތި، ތުއްތު ކުދިންނާއި ޕްރޮފެޝަނަލް ފެންވަރުގެ ސްކޭޓަރުންނަށް ވެސް އެމީހުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު އޮންނާނެއެވެ. ބައިވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، މާލެއިން ދަތުރުކުރާ އެތުލީޓުންނަށް ހިލޭ ފެރީގެ އިންތިޒާމު ހަމަޖައްސައިދޭނެއެވެ. އޭގެ އިތުރުން، އަތޮޅުތެރެއިން އަންނަ ބައިވެރިންނަށް ހިލޭ ހުރުން ހަމަޖެހިފައިވާއިރު، އެހެނިހެން ފަރާތްތަކަށް ގެސްޓްހައުސްތަކުން ޚާއްސަ ޑިސްކައުންޓްތަކެއް ލިބޭނެކަމަށް ފުރޮޅުފިލާ ކްލަބުން ކަށަވަރުކޮށްދެއެވެ.
މުބާރާތުގެ ކޮންމެ ކެޓަގަރީއަކުން ވެސް ގަދަ ތިންވަނަ ހޮވައި އިނާމު ދިނުމަށް ވަނީ ނިންމާފައެވެ. އަދި ބައިވެރިވާ ކޮންމެ ކުއްޖަކަށް ހިތްވަރު ދިނުމުގެ ގޮތުން މެޑެއްޔަކާއި ޚާއްސަ ހަދިޔާއެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. ޒުވާން ސްކޭޓަރުން އުފެއްދުމަށް މާފުށީގައި ހަރަކާތްތެރިވާ ފުރޮޅުފިލާ ކްލަބުން މިދިޔަ އަހަރު ބޭއްވި ފުރަތަމަ މުބާރާތަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އެ ފަހަރު 80އެތުލީޓުން ވަނީ ވާދަކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.