އަމިއްލަ ދަނޑުކަމަށްވާ އެންފީލްޑްގައި ރޭ ކުޅުނު އިނގިރޭސި ލީގު ކަޕް (ކަރަބާއޯ ކަޕް)ގެ ތިންވަނަ ބުރުގެ މެޗުގައި 3-1ގެ ނަތީޖާއަކުން ޓޮޓްނަމް ހޮޓްސްޕަރ ބަލިކޮށް، މުބާރާތުގެ ހަތަރުވަނަ ބުރުން ލިވަޕޫލް ޖާގަ ކަށަވަރުކޮށްފިއެވެ.
ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ލިވަޕޫލުންނެވެ. މެޗުގެ 21ވަނަ މިނެޓުގައި އެލެކްސިސް މެކަލިސްޓާ ކާމިޔާބުކުރި ގޯލުން ފުރަތަމަ ހާފު ނިމުނީ ލިވަޕޫލް ލީޑުގައި އޮވެގެންނެވެ. އަދި ދެވަނަ ހާފު ފެށިގެން ނުވަވަނަ މިނެޓުގައި މެކަލިސްޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ކޯޑީ ގަކްޕޯ ވަނީ އިތުރު ލަނޑެއް ޖަހައި އެޓީމުގެ ލީޑު ފުޅާކޮށްފައެވެ.
ޓޮޓްނަމްއިން ނަތީޖާގެ ފަރަގު ކުޑަކުރީ މެޗުގެ 69ވަނަ މިނެޓުގައި ކޮނޯ ގަލެގާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ ހިނގަމުންމިދާ ސީޒަނުގައި ޕްރިމިއާ ލީގުގެ ޓީމެއްގެ ކޮޅަށް ޓޮޓްނަމްއަށް ޖެހުނު ފުރަތަމަ ގޯލެވެ. އެހެންނަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ތެރޭގައި ޑޮމިނިކް ސޮބޮސްލާއީ ވަނީ ލިވަޕޫލްގެ ތިންވަނަ ލަނޑު ޖަހައި މެޗުގެ ނަތީޖާ އެއްކޮށް ޔަގީންކޮށްދީފައެވެ.
ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުތަކާ އަޅާބަލާއިރު، މި ކުރިމަތިލުމަށް ދެ ޓީމުގެ ކޯޗުން ވެސް ވަނީ ފުރަތަމަ އެގާރައަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ލިވަޕޫލްގެ ކޯޗު އިރައޯލާ 10ކުޅުންތެރިން ބަދަލުކުރިއިރު، ޓޮޓްނަމްގެ ކޯޗު ރޮބާޓޯ ޑި ޒާބީ ވަނީ 8ބަދަލެއް ގެނެސްފައެވެ.
ރޭގެ ބައްޔާއެކު މުބާރާތުން ޓޮޓްނަމް އަލްވަދާއު ކިޔާފައިވާއިރު، މި ސީޒަނުގައި މިހާތަނަށް ކުޅުނު 6މެޗުގެ ތެރެއިން 3މެޗުން އެޓީމު ވަނީ ބަލިވެފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.