ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ލީގު ކަޕްގައި ލިވަޕޫލާއި ޓޮޓްނަމް ވާދަކުރަން ޖެހިއްޖެ

ޝެއާ ކުރޭ Facebook Telegram Viber X

އިނގިރޭސި ލީގު ކަޕްގެ ދެވަނަ ބުރުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ޕްރިމިއަރ ލީގުގެ ނިއުކާސަލް ޔުނައިޓެޑާއި، އެވަޓަން އަދި ޓޮޓްނަމް ހޮޓްސްޕަރ މުބާރާތުގެ ތިންވަނަ ބުރަށް ދަތުރުކޮށްފައިވާއިރު، ތިންވަނަ ބުރުގައި ޓޮޓްނަމްއަށް ލިވަޕޫލްއާ ދެކޮޅަށް ކުޅެން ޖެހިއްޖެއެވެ.

ތިންވަނަ ބުރުގެ ގުރުއަތުލުން މިހާރު ނިމިފައިވާއިރު، އެންމެ ފާހަގަކޮށްލެވޭ އެއް މެޗަކަށް ވެގެންދާނީ ޓޮޓްނަމްއާއި ލިވަޕޫލް ބައްދަލުކުރާ މެޗެވެ. އަންނަ ސެޕްޓެމްބަރު މަހުގެ 7އާއި 14އާ ދެމެދު ކުޅުމަށް ހަމަޖެހިފައިވާ ތިންވަނަ ބުރުގެ އެހެން މެޗުތަކަށް ބަލާއިރު، މެންޗެސްޓަރ ސިޓީ އަމިއްލަ ދަނޑުގައި ނޮރިޗް ސިޓީއާ ދެކޮޅަށް ނުކުންނާނެއެވެ. އާސެނަލް ބައްދަލުކުރާނީ އިޕްސްވިޗް ޓައުންއާއެވެ. އަދި މެންޗެސްޓަރ ޔުނައިޓެޑުން ބްރައިޓަންއާ ދެކޮޅަށް ނުކުންނައިރު، ނިއުކާސަލް ކުޅޭނީ މިލްވޯލްއާއެވެ.

ރޭ ކުޅުނު ދެވަނަ ބުރުގެ މެޗުތަކަށް ބަލާއިރު، ޓޮޓްނަމްއިން ވަނީ އަމިއްލަ ދަނޑުގައި 5-1ގެ ތަފާތު ބޮޑު ނަތީޖާއަކުން ޗާލްޓަން އެތުލެޓިކް ބަލިކޮށްފައެވެ. މި މެޗުގައި ޓޮޓްނަމްގެ ލަނޑުތައް ޖަހައިދިނީ މައިކީ މޯ، ޑޮމިނިކް ސޮލާންކޭ، ކެވިން ޑަންސޯ، ސަވީނިއޯ އަދި ބެން ޑޭވިސްއެވެ. ޗާލްޓަންގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ލޮއިޑް ޖޯންސްއެވެ. އަނެއްކޮޅުން އެވަޓަން އިން ވަނީ 4-0އިން ޕްރެސްޓަން ނޯތު އެންޑްގެ މައްޗަށް ކުރިހޯދާފައެވެ. މި މެޗުގައި ޓިއާނޯ ބެރީގެ ފަރާތުން ފުރިހަމަ ހެޓްރިކެއް ފެނިގެންދިޔައިރު، އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކުރީ ބްރެނަން ޖޯންސަންއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އަނެއް މެޗުގައި ވެސްޓް ބްރޮމްއާ ވާދަކޮށް ނިއުކާސަލް ކުރިހޯދީ ފަހަތުން އަރައި 3-2އިންނެވެ. މި މެޗުގެ ބަތަލަކީ ނިއުކާސަލްއަށް ދެ ގޯލު ކާމިޔާބުކޮށްދިން ހާވީ ބާންސްއެވެ. އެ ޓީމުގެ އަނެއް ލަނޑު ޖެހީ ބަޒޫމާނާ ޓޫރޭއެވެ. ވެސްޓް ބްރޮމްގެ ދެ ލަނޑުވެސް ޖެހީ އައިޒަކް ޕްރައިސްއެވެ. މީގެ އިތުރުން ރޭގެ މެޗުތަކުގައި ލީގު ވަންގެ ބްރެޑްފަޑް ސިޓީން ވަނީ ޕެނަލްޓީ ޖަހައިގެން ޗެމްޕިއަންޝިޕްގެ ބާންލީ މުބާރާތުން ކަޓުވާލާފައެވެ.

ޔޫރަޕްގެ މުބާރާތްތަކުގައި ނުކުޅޭ ޕްރިމިއަރ ލީގުގެ 11ޓީމެއް ދެވަނަ ބުރުން މުބާރާތާ ގުޅުނުއިރު، ޔޫރަޕްގައި ވާދަކުރާ ބާކީ 9ޓީމު މުބާރާތާ ގުޅޭނީ ތިންވަނަ ބުރުގައެވެ. މިހާތަނަށް ޕްރިމިއަރ ލީގުގެ ޓީމުތަކުގެ ތެރެއިން މުބާރާތުން އަލްވަދާއު ކިޔަން ޖެހުނީ ލީޑްސް އަތުން ބަލިވި ނޮޓިންހަމް ފޮރެސްޓަށް އެކަންޏެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު