ފަރަންސޭސިވިލާތުގެ ޕެރިސް ސެންޓް ޖާމަން (ޕީއެސްޖީ)އަށް އިޓަލީގެ މަޝްހޫރު ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރޫމާ ކުޅުނު ދުވަސްވަރު އޭނާ ދިރިއުޅުނު ގެއަށް ވަދެ، ހަތިޔާރުން ބިރުދައްކައިގެން ގިނަ އަދަދެއްގެ މުދާ ފޭރުނު މީހުންގެ މައްޗަށް އެ ގައުމުގެ ކޯޓަކުން ޖަލު ހުކުމް އިއްވައިފިއެވެ.
މި މައްސަލަ ބެލުމަށްފަހު ފަރަންސޭސި ކޯޓުން ވަނީ، މި ނުރައްކާތެރި ޖަރީމާ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އިލްޔާސް ބޯޗް ނުވަ އަހަރަށް ޖަލަށްލުމާ އެކު 92،000ޑޮލަރުން ޖޫރިމަނާކުރުމަށް ނިންމާފައެވެ. އަދި އޭނާގެ ބައިވެރިއެއް ކަމަށްވާ މޮހްތާރު ފަސް އަހަރަށް ޖަލަށްލުމަށް ހުކުމްކުރިއިރު، އޭގެ ތެރެއިން ދެ އަހަރެއްގެ މުއްދަތު ވަނީ ލުޔެއްގެ ގޮތުން މައާފުކޮށްދީފައެވެ. މީގެ އިތުރުން 10މީހުންގެ މައްޗަށް އެކުލެވޭ މި ގޭންގުގައި ހިމެނޭ ތިންވަނަ މީހަކު ވެސް ޖަލަށްލުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އުމުރުން 27އަހަރުގެ ކުޅުންތެރިޔާއާއި އޭނާގެ އަނބިމީހާއަށް ވަޅިން ބިރުދައްކައި 2023ވަނަ އަހަރު ހިންގި މި ފޭރުމުގައި، 1.1މިލިއަން ޔޫރޯގެ އަގުހުރި މުދާ ވަނީ ވަގަށް ނަގާފައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ފައިސާއާއި، އަގުބޮޑު ގަހަނާއާއި، އަތުކުރީ ގަޑީގެ އިތުރުން ލަގްޒަރީ ބްރޭންޑްތަކުގެ ދަބަސްތައް ހިމެނެއެވެ. މި ހާދިސާގައި އެންމެ ހިތާމަވެރި ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ، ފޭރޭ މީހުންގެ ކިބައިން ސަލާމަތްވުމަށް މަސައްކަތްކުރުމުގެ ތެރޭގައި ވެއްޓި، ޑޮންނަރޫމާގެ ބަލިވެއިން އަނބިމީހާގެ ބަނޑަށް ދަރިފުޅު ބައިގެން ދިއުމެވެ.
މިހާރު އިނގިރޭސިވިލާތުގެ މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ޑޮންނަރޫމާ، ފްރާންސްގެ ޕީއެސްޖީ ދޫކޮށްލުމަށް ފަހު އިނގިރޭސި ލީގަށް ބަދަލުވީ ނިމިދިޔަ ސީޒަނުގައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.