ޖަރުމަނު ލީގުގައި އަމިއްލަ ދަނޑުގައި އަލަށް ޕްރޮމޯޓްވި ޕަޑަބޯންއާ ދެކޮޅަށް ކުޅުނު މެޗު 3-0ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ބޮރޫޝިއާ ޑޯޓްމުންޑުން މި ސީޒަނުގައި ވިދިވިދިގެން ތިންވަނަ މޮޅު ހޯދައި ތާވަލުގެ އެއްވަނައިގައި އޮތް ފްރައިބާގާ ޕޮއިންޓުގެ ގޮތުން ހަމަހަމަކޮށްފިއެވެ.
ޗެމްޕިއަންސް ލީގުގައި ވިޔަރެއާލްގެ މައްޗަށް 3-2އިން ކުރިހޯދި މެޗަށްފަހު ކުޅުނު މި ކުރިމަތިލުމުގެ ފުރަތަމަ ހާފު އެއްކޮށް ކޮންޓްރޯލްކުރީ ޑޯޓްމުންޑުންނެވެ. އެގޮތުން މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ސޭހޫ ގިރާސީ ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައި، ފަބިއޯ ސިލްވާ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދީފައެވެ. މީގެ އިތުރުން ގިރާސީ ފޮނުވާލި ދެ ހަމަލާއެއް ގޯލަށް ވަން ނަމަވެސް، ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑުތަކެއް ކަމަށެވެ.
ދެވަނަ ހާފުގައި ނަތީޖާ ހަމަހަމަކުރަން ޕަޑަބޯންއިން މަސައްކަތްކުރަމުން ދަނިކޮށް، ޑޯޓްމުންޑަށް ތަފާތު ބޮޑުކޮށްދިނީ ޖަރުމަނުގެ ޤައުމީ ޓީމުގެ ކުޅުންތެރިޔާ ފެލިކްސް އެންމެޗާއެވެ. މެޗުގެ 80ވަނަ މިނެޓުގައި އޭނާ ޓީމުގެ ދެވަނަ ލަނޑު ޖަހައިދިންއިރު، އޭގެ ކުޑައިރުކޮޅެއް ފަހުން މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް ފެނިގެންދިޔައީ ހިތްގައިމު ބައިސިކަލް ކިކަކުން އެންމެޗާ ޑޯޓްމުންޑުގެ ތިންވަނަ ލަނޑު ވެސް ކާމިޔާބުކުރި މަންޒަރެވެ.
މި މެޗާ ޑޯޓްމުންޑުން ކުރިމަތިލީ ވިޔަރެއާލް މެޗުގައި ސިއްހީ ހާލަތެއް މެދުވެރިވެގެން ދަނޑުމައްޗަށް ހޭނެތިގެން ވެއްޓުނު ގްރީސް ފޯވާޑް ކޮސްޓަސް ކަރެޓްސަސްއާ ނުލައެވެ. ހަމައެއާއެކު، ސީޒަނުގެ ފުރަތަމަ މެޗުގައި ކަކުލަށް ލިބުނު ބޮޑު އަނިޔާއެއްގެ ސަބަބުން، އަލަށް ޓީމާ ގުޅުނު ގްރީސްގެ ޖިއާނިސް ކޮންސްޓަންޓެލިއަސް ވެސް ހުރީ ކުޅުމާ ދުރުގައެވެ.
ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ޑޯޓްމުންޑާ އެއްވަރަށް ނުވަ ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން އެއްވަނައިގައި އޮތީ ބޮރޫޝިއާ މޮންޗެންގްލަޑްބަކް 5-0އިން ބަލިކުރި ފްރައިބާގްއެވެ. މި ސީޒަނުގެ ރަސްމީ ހަ މެޗުން ވެސް މޮޅުވެ ފްރައިބާގުން ވަނީ އެ ކުލަބުގެ ތާރީޚުގައިވެސް އެންމެ ރަނގަޅަށް ސީޒަން ފަށައި، އަމިއްލަ ދަނޑުގައި ގްލަޑްބަކް އަތުން ބަލިނުވުމުގެ ރެކޯޑު 25އަހަރަށް ދަމަހައްޓާފައެވެ.
މީގެ އިތުރުން ބަޔާ ލެވަކޫސެންއާ ދެކޮޅަށް ކުޅުނު މެޗު 2-2އިން އެއްވަރުވެ، އޯގްސްބާގަށް ނުވަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު ގެއްލުނު ނަމަވެސް، މިއީ ފުރަތަމަ ތިން މެޗުން އެ ޓީމަށް އެންމެ ގިނަ ޕޮއިންޓް ލިބުނު ފަހަރެވެ. އަދި ކޭން އުޒުންގެ ދެ ލަނޑާ އެކު މައިންޒްގެ މައްޗަށް 3-1އިން ކުރިހޯދައި، އައިންޓްރެކްޓް ފްރެންކްފަަޓުން ވަނީ މި ސީޒަނުގެ ލީގުގައި ފުރަތަމަ ފަހަރަށް މޮޅެއް ރަޖިސްޓްރީކޮށްފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.