ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އޯގްސްބާގް ކުރިއަށް ޖެހިލިއިރު މައިންޒަށް ތަފާތު ބޮޑު މޮޅެއް

ޝެއާ ކުރޭ Facebook Telegram Viber X

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުގައި ފަހަތުން އަރައި 4-1އިން އައިންޓްރެކްޓް ފްރެންކްފަޓް ބަލިކޮށް އޯގްސްބާގުން ތާވަލުގެ އެއްވަނަ މަގާމު ކަށަވަރުކުރިއިރު، ހެމްބާގް ކޮޅަށް ފަސް ލަނޑު ވައްދާލައިގެން މައިންޒުން ފުރިހަމަ ކާމިޔާބީއެއް ހޯދައިފިއެވެ.

ކުޅުނު ދެ މެޗުންވެސް މޮޅުވެ ޖުމްލަ ހަ ޕޮއިންޓާއެކު އޯގްސްބާގް ލީގުގެ އެންމެ ކުރީގައި އޮތްއިރު، ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ކުރީގައި އޮތީ ފްރެންކްފަޓެވެ. އެ ޓީމުގެ ހަމައެކަނި ލަނޑު ޔޫނުސް އިބްނޫތާލިބްގެ އެހީތެރިކަމާއެކު މެޗުގެ ވަރަށް ކުރީކޮޅު ޖަހައިދިނީ ޖޮނަތަން ބާކާޑްޓެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވަނީސް އަރިޖޯން އިބްރާހިމޮވިޗް ވަނީ އޯގްސްބާގަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. 

އޭގެ ފަހުން މެޗުގެ ކޮންޓްރޯލް އެއްކޮށް ނެގީ އޯގްސްބާގުންނެވެ. ރޮބިން ފެލްހައުއާގެ ލަނޑުން އެ ޓީމު ލީޑު ނެގިއިރު، ފަބިއަން ރީޑާ އަދި އެލެކްސިސް ކްލޯޑް-މައުރިސް ވެސް ވަނީ ގޯލު ޖަހައި ފަރަގު ބޮޑުކޮށްފައެވެ.

މައިންޒުން ރޭ ހޯދި ބޮޑު މޮޅުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ޝެރާލްޑޯ ބެކާއެވެ. ކައިޝޫ ސާނޯ ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ 19ވަނަ މިނެޓުގައި ބެކާ ފުރަތަމަ ލަނޑު ޖެހިއިރު، މައިންޒްގެ ދެވަނަ އަދި ތިންވަނަ ލަނޑު ޖެހުމަށް މަގުފަހިކޮށްދިނީ ވެސް އޭނާއެވެ. ބެކާގެ އެހީތެރިކަމާއެކު މި ލަނޑުތައް ޖަހައިދިނީ ފިލިޕް މްވީނޭ އަދި ފިލިޕް ޓިއެޓްޒެވެ.

ހެމްބާގްގެ ކީޕަރު ހިއުއާ ފެނާންޑޭޒް ކައިރިން ނައްޓާލުމަށް ފަހު ޓިއެޓްޒް އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކުރިއިރު، މައިންޒްގެ ފަހު ލަނޑު ޖަހައިދިނީ ކުރިން ހެމްބާގަށް ކުޅުނު ރަންސްފޯޑް-ޔެބޯއާ ކޮއެނިގްސްޑޯފާއެވެ. މި ނަތީޖާއާއެކު ހަތަރު ޕޮއިންޓް ހޯދައިގެން މައިންޒް އޮތީ ތާވަލުގެ ފަސްވަނައިގައެވެ. މިހާތަނަށް އެއްވެސް ލަނޑެއް ނުޖެހި، ދެ މެޗުންވެސް ބަލިވި ހެމްބާގް އޮތީ ތާވަލުގެ ފުލުގައެވެ.

މިދިޔަ ސީޒަނުގައި ހެމްބާގް އަތުން 4-0އިން ބަލިވެފައި އޮތް ނަމަވެސް، ރޭގެ މެޗަށްފަހު މައިންޒްގެ ކޯޗު އާސް ފިޝާ ބުނީ މުޅި މެޗުގައި އޭނާގެ ކުޅުންތެރިން ދެއްކީ އާދަޔާޚިލާފު މޮޅު ކުޅުމެއް ކަމަށެވެ. އަދި އިދިކޮޅު ޓީމަށް އެއްވެސް ފުރުސަތެއް ނުދީ 90މިނެޓު ވަންދެން މެޗު ކޮންޓްރޯލް ކުރެވުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށް އޭނާ ފާހަގަކުރިއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު