ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޖޯޒީ ދިމާވުމުގެ މައްސަލައެއް ކުރިމަތިވެ، އަލަށް ވާދަކުރާ ބިސް ބުރު ސްޕޯޓްސްއިން ގައުމީ ޓީމުގެ ޕްރެކްޓިސް ކިޓް ބޭނުންކުރަން ޖެހުނުއިރު، މި މެޗު 3-1ގެ ނަތީޖާއަކުން ކްލަބް އީގަލްސް ކާމިޔާބުކޮށްފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު މި މެޗުގައި އީގަލްސްއިން ބޭނުންކުރީ އޮރެންޖު ކުލައިގެ ޓީޝާޓާއި ކަޅު ކުލައިގެ ސޯޓު އަދި އިސްޓާކީނެވެ. މެޗުގެ "ޓީމު އޭ"ގެ ގޮތުގައި އޮތް އީގަލްސް އަށް ޖޯޒީ އިހްތިޔާރު ކުރުމުގެ އިސްކަން ލިބުނުއިރު، "ޓީމު ބީ"ގެ ގޮތުގައި ކުޅުނު ބިސް ބުރުން ދަނޑަށް ގެނައީ ރަން ކުލައަކަށްދާ ރީނދޫ ކުލައިގެ ޖޯޒީ އެކަންޏެވެ. ދެ ޓީމުގެ ޖޯޒީ އެއްވައްތަރުވުމުން މައްސަލަ ދިމާވިއިރު، ބިސް ބުރުން އިތުރު ކިޓެއް ގެނެސްފައި ނުވުމުން އެފްއޭއެމްގެ އޮފިޝަލުން ވަނީ ގައުމީ ޓީމުގެ ޕްރެކްޓިސް ކިޓުގައި ހިމެނޭ ނޫކުލައިގެ ޓީޝާޓު އެ ޓީމަށް ދީފައެވެ.
މީގެ ކުރީގެ ސީޒަންތަކުގައި އީގަލްސްގެ ފުރަތަމަ ކިޓަކީ ކަޅު ކުލައެވެ. އަދި އޮރެންޖު ކުލައަކީ އެ ޓީމުގެ ދެވަނަ ކިޓެވެ. ނަމަވެސް މި ސީޒަނުގެ ފުރަތަމަ މެޗަށް އެ ޓީމުން ނުކުތީ އޮރެންޖު ކުލައިގައެވެ. ބިސް ބުރުގެ ފުރަތަމަ ކުލައަކީ ކަޅު ކުލަ ކަމަށްވާއިރު، އެ ޓީމުން މިއަދުގެ މެޗަށް ތައްޔާރުވެގެން އައީ ރީނދޫ ކުލައިގެ ޖޯޒީ ސެޓާއެކުގައެވެ.
މެޗުގެ ކުޅުމަށް ބަލާއިރު، ތަޖުރިބާކާރު އީގަލްސްއިން ވަނީ މެޗު ޑޮމިނޭޓް ކޮށްފައެވެ. އެގޮތުން މެޗުގެ 16ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ މިސްރުގެ ފޯވާޑް އާމިރު ޝުޢައިބު އަލް ސޯދިގު މުޙައްމަދުއެވެ. އޭގެ ފަހުން ޒައިން ޒަފަރު ވަނީ ލަނޑެއް ޖަހައި އީގަލްސްގެ ލީޑު ފުޅާކޮށްދީފައެވެ.
ރާއްޖޭގެ އެންމެ މަތީ ލީގުގައި ބިސް ބުރުން ކާމިޔާބުކުރި ފުރަތަމަ ލަނޑު އެ ޓީމަށް ޖަހައިދިނީ ނައިޖީރިއާގެ ޑިފެންޑަރު އަލިއު އޯވޯލާބީ ފަތާއީއެވެ. ނަމަވެސް މެޗުގެ 80ވަނަ މިނެޓުގައި ތަޖުރިބާކާރު ކުޅުންތެރިޔާ އިސްމާއީލް އީސާ (މެސީ)ވަނީ އިތުރު ލަނޑެއް ޖަހައި، އީގަލްސްއަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.