ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ އާއި ރޭ ކުޅުނު ފޯރިގަދަ މެޗުތަކުން ކްލަބް އީގަލްސްއާއި ބިސް ބުރު ސްޕޯޓްސް ކްލަބުން މޮޅުވެއްޖެއެވެ.
ގައްދޫ ފުޓްބޯޅަ ގްރައުންޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި އީގަލްސްއިން ވަނީ 2-0ގެ ނަތީޖާއަކުން ގައްދޫ ބަލިކޮށްފަ އެވެ. އަދި ރޭ ކުޅުނު މެޗުގައި ބުރުން ވަނީ ދިއްދޫގެ މައްޗަށް ކުރިހޯދާފައެވެ.
އީގަލްސް އާއި ގައްދޫ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ގައްދޫން ވަނީ އީގަލްސް ހިފަހައްޓާލައިފައެވެ. ނަމަވެސް، ދެވަނަ ހާފުގައި އީގަލްސްއިން ކުޅުން ވަރުގަދަކޮށް މެޗުގެ ނަތީޖާ އަނބުރާލިއެވެ. އެގޮތުން މެޗުގެ 68ވަނަ މިނެޓުގައި އިސްމާއިލް އީސާ (އީސަ)އީގަލްސްއަށް ފުރަތަމަ ލަނޑު ޖަހައިދިން އިރު، އެ ޓީމުގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މުހައްމަދު ޖައިލަމްއެވެ.
މިއީ ލީގުގައި ގައްދޫން އަމިއްލަ ދަނޑުގައި ކުޅުނު ތިންވަނަ މެޗެވެ. މި ތިން މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފައެވެ. މި މެޗުތަކަށް ފަހު ދެން އެ ޓީމު ދަތުރުކުރާނީ މާލެއަށެވެ. ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކަށް ފަހު، އަންނަ މަހުގެ 9ވަނަ ދުވަހު ލީގު އަލުން ފަށާއިރު، އެ ރޭ މާލޭގައި ގައްދޫ ނުކުންނާނީ އޮޑި ސްޕޯޓްސްއާ ދެކޮޅަށެވެ.
ރޭ ކުޅުނު މެޗަކީ މިއަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ބުރު ސްޕޯޓްސް ކްލަބުން ހޯދި ފުރަތަމަ މޮޅެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބުރުން ޖެހި ހަމައެކަނި ލަނޑު، މެޗުގެ 74ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ނައިޖީރިއާ ފޯވާޑް ބާނަބަސް ފްރައިޑޭއެވެ. ގައުމީ ކޯޗު އިސްތަވާން އުރްބާނީ ހޮނިހިރު ދުވަހުގެ ރޭ ވިދާޅުވެފައިވަނީ، ދިއްދޫ ޓީމަކީ ލީގުގެ އެހެން ޓީމުތަކާ ވެސް ރަނގަޅަށް ވާދަކުރާނެ ޓީމެއް ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
މި މެޗުތަކަށް ފަހު ލީގު މިހާރު ވަނީ އިންޓަނޭޝަނަލް ބްރޭކަށް މެދުކަނޑާލައިފައެވެ. ލީގު އަލުން ފަށައިގެން ދިއްދޫން ކުޅޭނެ އަނެއް ތިން މެޗު އޮންނާނީ އެ ޓީމުގެ އަމިއްލަ ރަށުގައެވެ. އެގޮތުން، ތިލަދުންމަތީގައި ފުރަތަމަ ފަހަރަށް ދިވެހި ލީގުގެ މެޗެއް ހޯސްޓް ކުރުމުގެ ޝަރަފް ދިއްދުއަށް ލިބިގެންދާނީ އަންނަ މަހުގެ 10ވަނަ ދުވަހުއެވެ. އެ ތާރީޚީ މެޗުގައި ދިއްދޫން ނުކުންނާނީ ނިއު ރޭޑިއަންޓާ ދެކޮޅަށެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.