ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކޯޓުއާ ބްރޭކެއް ނެގި ނަމަވެސް ގައުމީ ޓީމަށް އަލުން ކުޅޭނެ!

ޝެއާ ކުރޭ Facebook Telegram Viber X

ކުރިއަށް އޮތް ތިން މަސް ދުވަހު ކުޅޭ ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކުގައި ބެލްޖިއަމްގެ ގައުމީ ޓީމުގައި ނުހިމެނުމަށް މަޝްހޫރު ގޯލްކީޕަރު ތިބައޫ ކޯޓުއާ ނިންމާފައިވީ ނަމަވެސް، ޖިސްމާނީ ގޮތުން އަރާމުކޮށްލުމަށް ފަހު އޭނާ އަލުން އެނބުރި އަންނާނެކަން އެ ގައުމުގެ މީޑިއާތަކުން ކަށަވަރުކޮށްދީފިއެވެ.

ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން އިންޓަ މިލާންގެ މައްޗަށް 2-1އިން ކުރިހޯދި މެޗަށް ފަހު ނޫސްވެރިންނާ ބައްދަލުކޮށް ކޯޓުއާ ހާމަކުރި ގޮތުގައި، ގައުމީ ޓީމުގެ އާ ކޯޗު މާކް ވެން ބޮމެލް ވަނީ އޭނާގެ މި ނިންމުމަށް ރުހުންދީފައެވެ. މި އެއްބަސްވުމުގެ ދަށުން، ފްރާންސާއި އިޓަލީ އަދި ތުރުކީއާ ދެކޮޅަށް ބެލްޖިއަމް ނުކުންނަ ނޭޝަންސް ލީގުގެ ހަ މެޗެއްގައި އުމުރުން 34އަހަރުގެ ކީޕަރު ނުކުޅޭނެއެވެ. 

ބެލްޖިއަމްގެ ނޫހަކަށް މައުލޫމާތު ދެމުން ކޯޓުއާ ބުނީ، އޭނާގެ އަމާޒު ހުރީ ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ކޮލިފައިން މެޗުތަކަށް ގައުމީ ޓީމާ ގުޅުމަށް ކަމަށެވެ. ނަމަވެސް އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް ޓީމުގެ ފުރަތަމަ އެގާރައިން ޖާގައެއް ކަށަވަރުކުރުމަށް އޭނާވެސް ބުރަކޮށް މަސައްކަތްކުރަން ޖެހޭނެކަން ގަބޫލުކުރާކަމަށް ވަނީ ބުނެފައެވެ.

ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމާ ދުރަށް ދިޔުމުގެ ނުވަތަ ބްރޭކެއް ނެގުމުގެ ވިސްނުން ގެންގުޅުނު ކޯޓުއާ، މިގޮތަށް ނިންމި މައިގަނޑު ސަބަބަކީ ޖިސްމާނީ ގޮތުން އަރާމުކުރުމެވެ. ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ގައުމީ ޓީމާއި ކްލަބުގެ އެހާ ގިނަ މެޗުތަކެއް ކުޅުމަކީ ހަށިގަނޑަށް ކެތްވާނެވަރުގެ ކަމެއްތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

2028ވަނަ އަހަރުގެ ޔޫރޯ ކޮލިފައިންގެ ފުރަތަމަ މެޗުތައް ފެށުމަށް ތާވަލުކުރެވިފައި ވަނީ އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އެހެންކަމުން އެ މުއްދަތާ ހަމައަށް ކޯޓުއާ ހުންނާނީ ގައުމީ ޓީމާ ދުރުގައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު