ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޔޫއެސް ކުއާޓަރ ފައިނަލަށް ޒުވަރޭވް ދަތުރުކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

އަހަރުގެ އެންމެ ފަހު ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަންގެ ފިރިހެން ސިންގަލްސް ކުއާޓަރ ފައިނަލުން، އިޓަލީގެ ލޫސިއާނޯ ޑާޑެރީ ސީދާ ތިން ސެޓުން ބަލިކުރުމަށް ފަހު، މުބާރާތުގެ އެއްވަނަ ސީޑު ޖަރުމަނުގެ އެލެގްޒެންޑަރ ޒުވަރޭވް ޖާގަ ކަށަވަރުކޮށްފިއެވެ.

މިއީ ޖެހިޖެހިގެން ޒުވަރޭވް ރޭގަނޑު ކުޅުނު ހަތަރުވަނަ މެޗަށް ވާއިރު، މީގެ ކުރިން ކުޅުނު ދެ މެޗެއް ފަސް ސެޓަށް ދެމިގެންދިޔުމުގެ ސަބަބުން، އޭނާ މި މެޗާ ކުރިމަތިލީ ވީހާ ވެސް އަވަހަކަށް ކުޅުން ނިންމާލުމުގެ އަމާޒުގައެވެ. މިގޮތުން ފުރަތަމަ ދެ ސެޓު 6-2 އިން ފަސޭހަކަމާ އެކު ޒުވަރޭވް ކާމިޔާބުކުރި ނަމަވެސް، ތިންވަނަ ސެޓުގައި ޑާޑެރީވަނީ ކުޅުން ރަނގަޅުކޮށް ޓައިބްރޭކަކާ ހަމައަށް ގެންގޮސްފައެވެ. އެހެންނަމަވެސް 7-3އިން ޓައިބްރޭކް ކާމިޔާބުކޮށް ޒުވަރޭވް ވަނީ މެޗު ކާމިޔާބުކޮށްފައެވެ. މިއާ އެކު، މިއީ މިފަހަރުގެ މުބާރާތުގައި ދަންވަރު ބާރައިގެ ކުރިން ކުޅުން ނިންމާލެވުނު ފުރަތަމަ ރެއަށް ވަނީ ވެފައެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޒުވަރޭވް ބުނީ، މުބާރާތް ކުރިއަށްދާ ވަރަކަށް އޭނާގެ ކުޅުމުގެ ފެންވަރު ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ފަހު ސެޓުގައި ޑާޑެރީ ފޮނުވާލި ބާރު ސަރވްތަކަށް ތައުރީފުކުރަމުން އޭނާ ފާހަގަކުރީ، މުޅި ސެޓު އެއްކޮށް އެހާ ބާރުމިނުގައި ސަރވްކުރާ ކުޅުންތެރިޔަކާ މީގެ ކުރިން ކުރިމަތިލާފައި ނުވާކަމަށާއި، މި މޮޅާއެކު ކުއާޓަރއަށް ދެވުމުން އުފާކުރާ ކަމަށެވެ. ކުއާޓަރ ފައިނަލުގައި ޒުވަރޭވް ނުކުންނާނީ ނެދަލޭންޑްސްގެ ބޮޓިކް ވެން ޑި ޒަންޑްޝުލްޕްއާ ދެކޮޅަށެވެ. މިއީ ޔޫއެސް އޯޕަންގެ ކުއާޓަރ ފައިނަލަށް ޒުވަރޭވް ދަތުރުކުރި ފަސްވަނަ ފަހަރެވެ.

މުބާރާތުގެ ފިރިހެން ސިންގަލްސްގައި ކުޅުނު އެހެން މެޗުތަކަށް ނަޒަރު ހިންގާލާއިރު، އާޖެންޓީނާގެ ފްރެންސިސްކޯ ސެރުންޑޮލޯގެ މައްޗަށް ތިން ސެޓު އެއް ސެޓުން ކުރިހޯދައި ބެލްޖިއަމްގެ އެލެގްޒެންޑަރ ބްލޮކްސް ވެސް ވަނީ ކުއާޓަރ ފައިނަލުން ޖާގަ ހޯދާފައެވެ. ފުރަތަމަ ސެޓުގައި ބްލޮކްސްއަށް އަނިޔާވެ ފަރުވާ ހޯދަންޖެހުނު ނަމަވެސް، އޭނާގެ ކުޅުމަށް އޭގެ އަސަރެއް ކޮށްފައެއް ނުވެއެވެ. 6-3އިން ބްލޮކްސް ފުރަތަމަ ސެޓު ހޯދާފައިވަނިކޮށް، ސެރުންޑޮލޯ ވަނީ4-6އިން ދެވަނަ ސެޓު ކާމިޔާބުކޮށްފައެވެ. އެހެން ނަމަވެސް ބްލޮކްސް ވަނީ ފަހު ދެ ސެޓު 7-5އިން އަދި 7-5އިން ކާމިޔާބުކޮށް، މުބާރާތުގެ ކުރިއަށް ދިޔުމުގެ ފުރުސަތު ހޯދާފައެވެ.

އަންހެން ސިންގަލްސް އިވެންޓަށް ބަލާއިރު، ޖަޕާނުގެ ނައޯމީ އޮސާކާ ސީދާ ދެ ސެޓުން ބަލިކުރުމަށްފަހު އެލޭނާ ރިބާކިނާ ވަނީ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ. އޭނާ މި ސެޓުތައް ގެންދިޔައީ ހައެއް އެކެއް އަދި ހައެއް ހަތަރަކުންނެވެ. ކުއާޓަރގައި އޭނާ ބައްދަލުކުރާނީ ޗައިނާގެ ގިންވެން ޒެންގްއާއެވެ. ޒެންގް ކުއާޓަރއަށް ދިޔައީ ޕޯލެންޑުގެ އީގާ ޝިއާޓެކް 7-5 އަދި 7-3 ބަލިކުރުމަށްފަހުގައެވެ. މީގެ އިތުރުން، ރުމޭނިއާގެ ސޮރާނާ ސަރސްޓިއާގެ މައްޗަށް 6-3 އަދި 604އިން ކުރިހޯދައި އެމެރިކާގެ ޖެސިކާ ޕެގޫލާ ވެސް ކުއާޓަރ ފައިނަލުން ޖާގަ ކަށަވަރުކޮށްފައިވާއިރު، އެ ރައުންޑުގައި އޭނާ ވާދަކުރަންޖެހޭނީ ރަޝިއާގެ އަނާ ކަލިންސްކާޔާ ބަލިކުރި އެމެރިކާގެ އެމާ ނަވާރޯއާއެވެ. ނަވާރޯ އެ މެޗުގެ ސެޓުތައް ކާމިޔާބުކުރީ 6-4 އަދި 6-2 އިންނެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު