އަމިއްލަ ޤައުމުގައި ދާދިފަހުން ކުޅުނު މުބާރާތުގައި ކުރިމަތިވި ނާކާމިޔާބީން އަރައިގަނެ، ކުރިއަށް އޮތް ހަތަރު އަހަރަށް އަމާޒުކޮށްގެން އެމެރިކާގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ޒުވާން ކުޅުންތެރިންތަކަކާއެކު އާ ސްކޮޑެއް އެކުލަވާލުމުގެ މަސައްކަތް މި މަހު ފަށަން ނިންމައިފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން، މި މަހުގެ އިންޓަނޭޝަނަލް ބްރޭކާ ދިމާކޮށް ޕޮޗެޓީނޯ އެކުލަވާލާ 26ކުޅުންތެރިންގެ ސްކޮޑު މި މަހުގެ 17ވަނަ ދުވަހު އިއުލާންކުރާނެއެވެ. މިއީ އޭނާގެ ހަތަރު އަހަރުގެ ދިގު ރާސްތާ ޕްލޭންގެ ފުރަތަމަ މަރުހަލާއެވެ. މި ކޭމްޕުގައި އެމެރިކާއިން ނުކުންނާނީ ކެނެޑާ، މެކްސިކޯ، ޗިލީ އަދި ޕެރޫއާ ދެކޮޅަށެވެ. މި މެޗުތަކަށް ނަގާ ސްކޮޑުގައި ހިމެނޭނީ ޒުވާން ކިތައް ކުޅުންތެރިންކަމެއް އަދި ކަށަވަރެއް ނުވެއެވެ.
މި އާ ޕްލޭންގެ އެންމެ މައިގަނޑު އެއް މަގުސަދަކީ ޓީމުގެ އެތެރޭގައި އުފެދޭ ހަމަނުޖެހުންތައް ހައްލުކޮށް، އެއްބައިވަންތަ މާހައުލެއް ގާއިމުކުރުމެވެ. މުޅިން އައު މިސްރާބަކަށް އެމެރިކާއިން ދާން ނިންމާފައި މިވަނީ، އަމިއްލަ ފަސްގަނޑުގައި ކުޅުނު ވޯލްޑް ކަޕްގައި ގިނަ ބައެއްގެ އުންމީދުތަކާ ޚިލާފަށް، މުބާރާތުގެ ގަދަ 16ގައި ބެލްޖިއަމް އަތުން 4-1އިން ބަލިވެ އެ ޓީމު ކަޓާފައިވާ ދަނޑިވަޅެއްގައެވެ.
ޒުވާން ގިނަ ކުޅުންތެރިންތަކެއް ޓީމުގައި ހިމެނުމަކީ ލިބޭ އުފަލެއްކަން ފާހަގަކުރަމުން، ޕޮޗެޓީނޯ ވަނީ އެ ކުޅުންތެރިން ގެންގުޅުމުގައި ވަރަށް ބޮޑަށް ސަމާލުވާންޖެހޭކަން ފާހަގަކޮށްފައެވެ. އޭނާ ދެކޭގޮތުގައި 16ނުވަތަ 17އަހަރުގައި ރަނގަޅު ކުޅުމެއް ދައްކާ ކުދިން ލިއޮނަލް މެސީ ފަދަ ދުނިޔޭގެ ފެންވަރުގެ ތަރިންނާ އަޅައިކިޔުމަކީ ކުޅުންތެރިންގެ ކުރިމަގަށް އޮތް ނުރައްކަލެކެވެ. އެހެންކަމުން، ކޯޗުންގެ އެންމެ ބޮޑު ޒިންމާއަކަށް ވާންޖެހޭނީ ހަމަހަމަކަން ގާއިމުކޮށް އެ ކުޅުންތެރިން ހިމާޔަތްކުރުން ކަމަށާއި، ބޮޑެތި ވާހަކަތައް ދެއްކުމުގެ ބަދަލުގައި އަމަލީގޮތުން ދަނޑުމަތީގައި ނަތީޖާ ނެރެދިނުމަށް ޕޮޗެޓީނޯ ވަނީ ކުޅުންތެރިންނަށް ގޮވާލާފައެވެ.
ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި އެމެރިކާގެ ގައުމީ ޓީމުން ވިދާލާނެކަމަށް ބެލެވޭ އުންމީދީ ކުޅުންތެރިންގެ ތެރޭގައި، އިނގިރޭސިވިލާތުގެ ކްރިސްޓަލް ޕެލަސްއަށް ކުޅެމުން އަންނަ ޒޭވިއާ ގޯޒޯގެ އިތުރުން އެމެރިކާ ލީގުގެ ކުލަބުތަކަށް ކުޅޭ ގިނަ ކުދިންތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ފިލަޑެލްފިއާ ޔޫނިއަންގެ ކެވަން ސުލިވަން (16އ)އާއި ނީލް ޕިއެރޭ، ނިއު ޔޯކް ރެޑް ބުލްސްގެ އަޑްރީ މެހްމެޓީ (17އ)އާއި ޖޫލިއަން ހޯލް އަދި އޯލަންޑޯ ސިޓީގެ ޖަސްޓިން އެލިސް ފަހަގަކޮށްލެވެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.