ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި އިއްޔެ ކުރިއަށް ދިޔަ ވޮލީބޯލް އެސޯސިއޭޝަން ކަޕް (ވީއޭއެމް ކަޕް)ގެ އަންހެން ޑިވިޝަންގެ ގްރޫޕް އޭގެ މެޗުތަކުން ކާމިޔާބު ހޯދައި، ހުރާ ކޮމިއުނިޓީ ކްލަބުން ސެމީ ފައިނަލާ ގާތަށް ޖެހިލިއިރު، ޕޮލިސް ކްލަބުން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
ފުރަތަމަ ސެޓު ބަލިވެފައި ވަނިކޮށް ފަހަތުން އަރައި ތިން ސެޓު ކާމިޔާބުކޮށްގެން ހުރާއިން މޮޅުވީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންއާ ވާދަކޮށެވެ. މެޗުގެ ފުރަތަމަ ސެޓު 25-23އިން ނިއު ޖެނެރޭޝަން ކާމިޔާބުކޮށްފައި ވަނިކޮށް، ހުރާއިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ޖެހިގެން އައި ތިން ސެޓު އެ ޓީމުން ގެންދިޔައީ 25-22، 25-17އަދި 25-19އިންނެވެ. ރޭ ކުޅުނު އަނެއް މެޗުން ސިޓީ ފްރެންޑްސް ކްލަބްގެ މައްޗަށް ޕޮލިހުން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. އެއީ 26-24، 25-16އަދި 25-23އިންނެވެ.
މި ނަތީޖާތަކަށް ފަހު ގްރޫޕް އޭ ގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު ހުރާ އޮތްއިރު، ޕޮލިސް އަދި ސިޓީ ފްރެންޑްސްއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ކުޅުނު ދެ މެޗުންވެސް ބަލިވި ނިއު ޖެނެރޭޝަން ވަނީ ޕޮއިންޓެއް ނުލިބި މުބާރާތުން އަލްވަދާއު ކިޔާފައެވެ.
މާދަމާ ހަވީރު ކުޅޭ ގްރޫޕްގެ ފަހު މެޗުގައި ޕޮލިހާއި ނިއު ޖެނެރޭޝަން ބައްދަލުކުރާއިރު، މާދަމާ ރޭ ސިޓީ ފްރެންޑްސްއާ ދެކޮޅަށް ނުކުންނަ ހުރާއަށް ސެމީގެ ޖާގައެއް ކަށަވަރުކުރުމަށް ފަހު ސެޓާ ހަމައަށް ގޮސް ބަލިވި ނަމަވެސް ފުރުސަތު ލިބޭނެއެވެ.
މީގެ އިތުރުން މިއަދު ހަވީރު ކްލަބް އެމްޓީސީސީ އާއި ރާއްޖެ ވޮލީބޯލް ކްލަބް ވާދަކުރާއިރު، މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ތަށި އުފުލާލި ކްލަބް ވެމްކޯއާއި ޖީޖީ ސްޕޯޓްސްއެވެ. މުބާރާތުގެ މެޗުތައް ބަލާލުމަށް ސޯޝަލް ސެންޓަރަށް ވަނުމުގެ ޓިކެޓެއް 30ރުފިޔާއަށް ލިބެން ހުންނާނެއެވެ. އަދި އޮންލައިންކޮށް ސަން ޕްލޭ މެދުވެރިކޮށް 25ރުފިޔާއަށް މެޗުތައް ލައިވްކޮށް ބަލާލެވޭނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.