ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އެޓޯލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

ޝެއާ ކުރޭ Facebook Telegram Viber X

ރާއްޖޭގެ ހުރިހާ ހިސާބެއް ފުޓުބޯޅައިގައި ޝާމިލްކުރުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ފަށާފައިވާ "އެޓޯލް ޗެމްޕިއަންޝިޕް"ގެ ދެވަނަ މުބާރާތުގައި ބައިވެރިވުމަށް މި މަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް އެ އިދާރާއިން ފުރުސަތު ހުޅުވާލައިފިއެވެ.

އެފްއޭއެމްގެ 2026/2027ވަނަ އަހަރުގެ ކަލަންޑަރުގައި ވާގޮތުން، މި އަހަރުގެ މުބާރާތުގެ ކުޅުން ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 17ވަނަ ދުވަހުއެވެ. މުބާރާތުގައި ވާދަކުރަން ބޭނުންވާ ރަށްރަށުގެ ޓީމުތަކުން އެފްއޭއެމްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް އެކަމަށް ޚާއްސަ އޮންލައިން ފޯމު ފުރިހަމަކުރުމަށްފަހު، ބޭނުންވާ ލިޔެކިޔުންތަކާއެކު ސުންގަޑީގެ ކުރިން ހުށަހެޅުމަށް އެ އިދާރާއިން ވަނީ އެދިފައެވެ. އަދި ބައިވެރިވާ ޓީމުތައް ކަށަވަރުވުމާ އެކު، އެކި ސަރަހައްދުތަކުގައި މެޗުތައް ކުރިއަށްދާނެ ތާރީޚުތައް ފަހުން އިއުލާނު ކުރާނެކަމަށް ވެސް އެފްއޭއެމްއިން މައުލޫމާތުދެއެވެ.

ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް އެފްއޭއެމްއިން ގެނައި އާ ބަދަލާއެކު، މުޅި ރާއްޖެ ވަނީ ހަތަރު ސަރަހައްދަކަށް ބަހާލާފައެވެ. މި ނިޒާމުގެ ތެރެއިން އެޓޯލް ޗެމްޕިއަންޝިޕް ކާމިޔާބުކުރާ ޓީމުތައް ޒޯން ބުރާއި ރީޖަނަލް ބުރުގައި ވާދަކޮށް، މާލޭގައި އޮންނަ ދިވެހި ލީގު ކޮލިފައިންއަށް ދަތުރުކުރާނެއެވެ. މި މަރުހަލާތައް ފުރިހަމަކޮށް، މި މަހުގެ 10ވަނަ ދުވަހު ފަށާ ދިވެހި ޕްރިމިއަރ ލީގުން ޖާގަ ކަށަވަރުކޮށްފައިވާ ދެ ޓީމަކީ ހއ. ދިއްދޫ އަދި ގދ. ގައްދޫއެވެ.

ފުޓުބޯޅައިގެ ހަރަކާތްތައް އެކަށީގެންވާ ގޮތެއްގައި ހިންގުމަށް ޓަކައި އެފްއޭއެމްއިން ވަނީ ރީޖަނަލް ފުޓުބޯޅަ އެސޯސިއޭޝަންތައް އުފައްދައި، އެކި ރަށްރަށުގައި އޮފީސްތައް ގާއިމުކުރުމަށް ނިންމާފައެވެ. އެގޮތުން ނޯތު ރީޖަންގެ އޮފީސް ހއ. ދިއްދޫގައި ހުންނައިރު، ސެންޓްރަލް ރީޖަންގެ އޮފީސް ހުންނާނީ އދ. މަހިބަދޫގައެވެ. މާލޭ ރީޖަންގެ އޮފީސް މާލޭގައި ގާއިމުކުރާއިރު، ސައުތު ރީޖަންގެ އޮފީސް ގާއިމުކުރަން ނިންމާފައި ވަނީ ލ. ގަމުގައެވެ. މީގެ އިތުރުން ފުޓުބޯޅަ ތަރައްގީކުރުމަށް ޚާއްސަ އޮފީހެއް ބ. އޭދަފުށީގައި ހުޅުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު