ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ކަލިއާރީ ބަލިކޮށް އިންޓަރއަށް ފުރިހަމަ ފެށުމެއް

ޝެއާ ކުރޭ Facebook Telegram Viber X

ކަލިއާރީގެ ދަނޑުގައި ކުޅުނު އިޓާލިއަން ލީގުގެ މެޗުގައި ތަޖުރިބާކާރު ކުޅުންތެރިޔާ ހަކާން ޗަޅަނޮގްލޫ ކާމިޔާބުކޮށްދިން ލަނޑާއެކު 1-0ގެ ނަތީޖާއަކުން ކުރިހޯދައި، އެންމެ ފަހުގެ ޗެމްޕިއަން އިންޓަރ މިލާނުން އައު ސީޒަނުގެ ފެށުން އިތުރަށް ފުރިހަމަކޮށްފިއެވެ.

މެޗު ފެށިގެން ނުވަވަނަ މިނެޓުގައި އިންޓަރއަށް މި ލަނޑު ހޯދައިދިނީ، ޕެނަލްޓީ އޭރިއާގެ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. މި ބޯޅަ ގޯލުގެ ތިރީ ކަނަށް ވަދެގެން ދިޔައިރު، ކަލިއާރީގެ ކީޕަރު އެލިއާ ކަޕްރީލްއަށް ބޯޅަ ދިފާއުކުރުމަށް އެއްވެސް ހަރަކާތެއް ކުރެވޭގޮތެއް ނުވިއެވެ. މުޅި މެޗުގައި ވެސް މޮޅަށް ކުޅެ އިންޓަރއިން ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ފަރަގު ބޮޑުކުރުމަށް ލިބުނު ގިނަ ފުރުސަތުތަކެއް ވަނީ ބޭކާރުވެފައެވެ. އެގޮތުން ފުރަތަމަ ހާފުގައި އިންޓަރގެ ކެޕްޓަން ލައުޓާރޯ މާޓިނޭޒްއާއި ފެޑެރީކޯ ޑިމާކޯގެ އިތުރުން މެނުއަލް އަކަންޖީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. 

ދެވަނަ ހާފުގައި ކަލިއާރީން ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްކުރިއިރު، ދެ ޓީމަށް ވެސް ލަނޑުޖަހާނެ ފުރުސަތުތައް ތަނަވަސްވިއެވެ. އިންޓަރގެ ޕިއޯ އެސްޕޮސިޓޯ ފޮނުވާލި ބޯޅަ ކީޕަރު ކަޕްރީލް ދިފާއުކުރިއިރު، ކަލިއާރީގެ ކެވިން ކާލޯސްއާއި މިޝެލް އަޑޯޕޯ ފޮނުވާލި ނުރައްކާތެރި ހަމަލާތައް ވަނީ އިންޓަރގެ ޑިފެންޑަރު ޔާން ބިސެކް އަދި ކީޕަރު ޖޯސެފް މާޓިނޭޒް ހުޝިޔާރުކަމާ އެކު ދިފާއުކޮށްފައެވެ.

މީގެ އިތުރުން، އިޓާލިއަން ލީގުގައި ލާޒިއޯއިން ވެސް ވަނީ 1-0ގެ ނަތީޖާއަކުން ޖެނޯއާ ބަލިކޮށް މުހިންމު މޮޅެއް ހޯދާފައެވެ. ޖެނާރޯ ގަޓޫސޯގެ ކޯޗުކަމުގެ ދަށުން ކުޅެމުން އަންނަ ލާޒިއޯއަށް މެޗުގެ 25ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ އިންޓަރއިން ލޯނު އުސޫލުން އެ ޓީމަށް ކުޅެމުން އަންނަ ޑޭވިޑޭ ފްރަޓޭސީއެވެ. މި ނަތީޖާތަކާ އެކު، އިންޓަރ އަދި ލާޒިއޯ ވަނީ ޔުވެންޓަސްއާއި އޭސީ މިލާނެކޭ އެއްފަދައިން ފުރަތަމަ ދެ މެޗުން މޮޅުވެ ފުރިހަމަ ޕޮއިންޓް ހޯދާފައެވެ. ނާޕޮލީއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ކޯމޯ އަދި އުދިނޭޒީ އޮތީ ދެ ޕޮއިންޓާއެކުގައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު