މި އަހަރުގެ މާޗު މަހު ކުޅުނު ސްކޮޓިޝް ކަޕްގެ މެޗެއްގައި ސަޕޯޓަރުން ހިންގި ހަމަނުޖެހުންތަކަކާ ގުޅިގެން، ގްލާސްގޯއަށް ނިސްބަތްވާ މަޝްހޫރު ދެ ކުލަބު ކަމަށްވާ ސެލްޓިކް އަދި ރޭންޖާސްއިން ކުރިއަށް ކުޅެން އޮތް ހޯމް މެޗުތައް ސަޕޯޓަރުން ނުވައްދައި ކުރިއަށްގެންދިޔުމަށް ސްކޮޓިޝް ފުޓްބޯޅަ އެސޯސިއޭޝަނުން (އެފްއޭ)ނިންމައިފިއެވެ.
މިދިޔަ މާޗު މަހު އައިބްރޮކްސް ސްޓޭޑިއަމްގައި ކުޅުނު ކުއާޓާ ފައިނަލް މެޗުގެ ނަތީޖާ ޕެނަލްޓީ ޖަހައިގެން 4-2އިން ސެލްޓިކް ކާމިޔާބު ކުރުމާ އެކު، މޫނު ނިވާކޮށްގެން ތިބި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑު މައްޗަށް އަރައިގަނެފައެވެ. އަދި ބޮކި ފަދަ ނުރައްކާތެރި ތަކެތި އުކައި ހަމަނުޖެހުން ހިންގާފައިވާއިރު، މިއީ ފާއިތުވި އަށް އަހަރު ދުވަހުގެ ތެރޭގައި ސެލްޓިކްގެ ސަޕޯޓަރުންނަށް 7،500ޓިކެޓުގެ ފުލް އެލޮކޭޝަނެއް ލިބުނު ފުރަތަމަ ފަހަރެވެ.
މި މައްސަލައާ ގުޅިގެން ސްކޮޓިޝް އެފްއޭ އިން މިއަދު އާންމުކުރި ބަޔާނުގައި ވާގޮތުން، ދެ ޓީމަށް ދިން އަދަބުގެ ތެރޭގައި ކޮންމެ ކުލަބަކުން 100،000ޕައުންޑް (135،800އެމެރިކާ ޑޮލަރު)އިން ޖޫރިމަނާކުރުން ހިމެނެއެވެ. މި ފައިސާ ދައްކަން ޖެހެނީ އެ ޓީމުތަކާ ދެކޮޅަށް ކުޅޭ ކުލަބުތަކަށް ބަދަލެއްގެ ގޮތުގައެވެ. ހަމައެހެންމެ، 2027/28ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށް އިތުރު ހަމަނުޖެހުމެއް ހިނގައިފި ނަމަ، ސަޕޯޓަރުން ނުލައި އިތުރު އެއް މެޗު ކުޅެން ޖެހޭނެކަމުގެ އިންޒާރު ވެސް ދީފައިވެއެވެ.
ސްކޮޓިޝް އެފްއޭގެ މި ނިންމުމާ މެދު ސެލްޓިކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ކުލަބުން ނެރުނު ބަޔާނެއްގައި ބުނީ، މޮޅުވުމުގެ އުފާ ފާޅުކުރުމުގެ ގޮތުން ހިނގައިދިޔަ ކުޑަ ކަމަކަށް މިހާ ހަރުކަށި ފިޔަވަޅެއް އެޅުމަކީ ހައިރާންވާ ކަމެއް ކަމަށާއި، މި ނިންމުން އިސްތިއުނާފު ކުރުމަށް ވިސްނަމުންދާ ކަމަށެވެ. އަދި ދަނޑުގެ ސަލާމަތީ ކަންކަމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ ހޯމް ޓީމު ކަމަށްވާ ރޭންޖާސްއިން ކަމަށް ވެސް އެ ކުލަބުން ތުހުމަތުކުރިއެވެ. ނަމަވެސް، މިދިޔަ މަހު ނެރުނު މިނިވަން ރިޕޯޓެއްގައި ބަޔާންކޮށްފައި ވަނީ މި ހާދިސާގައި ދެ ކުލަބުގެ އިހުމާލު ވެސް އެބައޮތް ކަމަށާއި، މީގެ ކުރިން ވެސް މިފަދަ ކަންކަން ހުއްޓުވުމަށް އެފްއޭއިން އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާ ކަމަށެވެ.
ސްކޮޓިޝް ކަޕްގެ ހަތަރުވަނަ ބުރުގައި މި ދެ ކުލަބުގެ ކުޅުން އަންނަ ޖެނުއަރީ މަހު ފެށޭނެއެވެ. މީގެ އިތުރުން، މި ހަފުތާއަކީ ޔޫރަޕްގެ މުބާރާތްތަކުގައި ވެސް މި ދެ ޓީމަށް ހިތްދަތި ހަފުތާއެކެވެ. ޗެމްޕިއަންސް ލީގުގައި 4-0ގެ ލީޑެއް ލިބިފައިވަނިކޮށް، ސެލްޓިކް ވަނީ އޮސްޓްރިއާގެ ލާސްކް އަތުން 5-4އިން ބަލިވެ ޔޫރޮޕާ ލީގަށް ވެއްޓިފައެވެ. އަދި ޕެނަލްޓީ ޖަހައިގެން ޗެކް ރިޕަބްލިކްގެ ޖަބްލޮނެކް އަތުން 4-3ގެ ނަތީޖާއަކުން ބަލިވެ، ރޭންޖާސް ވަނީ ކޮންފަރެންސް ލީގުން ކަޓައި ޔޫރަޕްގެ މުބާރާތްތަކާ އެއްކޮށް އަލްވަދާއު ކިޔާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.