ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އީރާނާއި ގަތަރު އަދި ޔޫއޭއީ ބައްދަލުކުރާ މެޗުތައް ނިއުޓްރަލް ދަނޑުތަކަށް

ޝެއާ ކުރޭ Facebook Telegram Viber X

މެދުއިރުމަތީގައި އުފެދިފައިވާ ސިޔާސީ އަދި އަސްކަރީ ނުތަނަވަސްކަމާ ގުޅިގެން، އަންނަ ސެޕްޓެމްބަރު މަހު ފަށާ އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގައި އީރާނުގެ ކުލަބުތަކުން ގަތަރާއި ޔޫއޭއީގެ ޓީމުތަކާ ދެކޮޅަށް ކުޅޭ މެޗުތައް ވަކި އަތަކަށް ނުޖެހޭ ނިއުޓްރަލް ދަނޑުތަކެއްގައި ކުޅުމަށް އޭއެފްސީން ނިންމައިފިއެވެ.

އިއްޔެ ބޭއްވި ގްރޫޕް ސްޓޭޖުގެ ގުރުއަތުލުމުން ދައްކާގޮތުގައި، އީރާނުގެ އެސްތެޣްލާލް އާއި ޓްރެކްޓަރ ކުލަބު ނުކުންނަން ޖެހެނީ ޔޫއޭއީގެ އަލް އައިން، އަލް ވަސުލް އަދި ޝަބާބް އަލް އަހްލީގެ އިތުރުން ގަތަރުގެ އަލް ޣަރާފާ، އަލް ސައްދު އަދި އަލް ޝަމާލްއާ ދެކޮޅަށެވެ. ގުރުއަތުން އީރާނުގެ ޓީމުތަކަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ސައުދީ އަރަބިއްޔާގެ ވަރުގަދަ ކުލަބުތަކާ ގްރޫޕް ސްޓޭޖުގައި ވާދަކުރަން ނުޖެހުމެވެ.

މި މެޗުތައް ނިއުޓްރަލް ދަނޑަކަށް ބަދަލުކުރަން ޖެހުނީ، މިއަހަރުގެ ކުރީކޮޅު އެމެރިކ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަކަށް ފަހު، އެމެރިކާގެ އަސްކަރީ ބޭސްތައް ހުންނަ ގަތަރާއި ޔޫއޭއީގެ ބައެއް ސަރަހައްދުތަކަށް އީރާނުން ރައްދު ހަމަލާ ދީފައިވާތީއެވެ. މިކަމާ ގުޅިގެން އަވައްޓެރި ގައުމުތަކުން އީރާނަށް ގޮވާލާފައިވަނީ ހަމަލާބަދަލުކުރުންތައް ހުއްޓާލުމަށެވެ. މީގެ އިތުރުން، އީރާނުގެ ޕައިލެޓުންތަކެއް ގަތަރުން ހިފަހައްޓާފައިވާ ކަމަށް ބުނެ ކުރެވޭ ތުހުމަތުތަކެއް ވެސް ދޯހާއިން ވަނީ ދޮގުކޮށްފައެވެ.

ސަރަހައްދީ ހަމަނުޖެހުންތަކާ ހުރެ މެދުކަނޑާލާފައި އޮތް އީރާނުގެ ޑޮމެސްޓިކް ފުޓްބޯޅަ ލީގު މިދިޔަ ހަފްތާގައި އަލުން ފަށާފައިވާއިރު، ސަލާމަތީ ސަބަބުތަކަށްޓަކައި ގިނަ މެޗުތައް ކުޅެމުންދަނީ ސަޕޯޓަރުން ނުވައްދައި ނުވަތަ ވަރަށް މަދު އަދަދެއްގެ ބެލުންތެރިންނާއެކުގައެވެ.

އޭއެފްސީ އެލީޓް މުބާރާތް ދެ ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، ހުޅަނގު ޒޯނުގައި ސައުދީގެ ފަސް ޓީމެއް ވާދަކުރެއެވެ. އޭގެ ތެރޭގައި ޖިއްދާގެ އަލް-އަހްލީ ހިމެނެއެވެ. ވިދިވިދިގެން ތިންވަނަ ފަހަރަށް މުބާރާތް ކާމިޔާބުކުރުމަށް އަލް-އަހްލީން އަމާޒުހިފާފައިވާއިރު، އެ ޓީމުގެ ކޯޗު މަޓިއަސް ޔައިސްލަ މި މަހު ވަނީ އިނގިރޭސި ކުލަބު ނިއުކާސަލް ޔުނައިޓެޑާ ގުޅިފައެވެ. އަދި ފަސްވަނަ ތައްޓަކަށް މަސައްކަތްކުރާ އަލް-ހިލާލް އާއި ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އަލް-ނަސްރުވެސް މި ޒޯނުގައި ހިމެނެއެވެ.

އިރުމަތީ ޒޯނަށް ބަލާއިރު، މިދިޔަ ދެ އަހަރުގެ ފައިނަލުން އަލް-އަހްލީ އަތުން ބަލިވި ޖަޕާނުގެ ކަވަސާކީ ފްރޮންޓޭލްއާއި މާޗިޑާ ޒެލްވިއާއަށް މިފަހަރު މުބާރާތުން ޖާގައެއް ނުލިބެއެވެ. އެހެންނަމަވެސް، 2008ވަނަ އަހަރުގެ ޗެމްޕިއަން ގަމްބާ އޮސާކާއާއި ދެކުނު ކޮރެއާގެ ޖިއޮންބުކް ހިއުންޑާއީ މޮޓޯރސް އަދި ހަތަރުވަނަ ތައްޓަކަށް އަމާޒުކުރާ ޕޯހަންގް ސްޓީލަރސް ފަދަ ޓީމުތައް މި މުބާރާތުގައި ފެނިގެންދާނެއެވެ.

މި މުބާރާތް ރޭވިފައިވާ ގޮތުން ކޮންމެ ގްރޫޕަކުން ވެސް އެންމެ މޮޅު އަށް ޓީމު ގަދަ 16އަށް ދަތުރުކުރާނެއެވެ. ކުއާޓާ ފައިނަލުން ފެށިގެން މުބާރާތުގެ ހުރިހާ މެޗެއް ސައުދީ އަރަބިއްޔާގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު އޮންނާނީ އަންނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހުއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު