ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ލިވަޕޫލްގެ 38 އިންސައްތަ ވިއްކާލައިފި

ޝެއާ ކުރޭ Facebook Telegram Viber X

އިނގިރޭސި ޕްރިމިއާ ލީގުގެ މަޝްހޫރު ކުލަބު ލިވަޕޫލްގެ މައި ކުންފުނި ކަމަށްވާ ފެންވޭ ސްޕޯޓްސް ގްރޫޕް (އެފްއެސްޖީ)ގެ 38އިންސައްތަ ހިއްސާ، އެމެޒޯންގެ ބާނީ ޖެފް ބޭޒޯސް ހިމެނިވަޑައިގަންނަވާ ގޮތަށް އުފައްދާފައިވާ "1892 ހޯލްޑިންގްސް"އިން ގަނެ، އެ ވިޔަފާރީގެ މުއާމަލާތް ރަސްމީކޮށް ނިންމައިފިއެވެ.

މި ބޮޑު އިންވެސްޓްމަންޓާއެކު ލިވަޕޫލްގެ ޖުމްލަ އަގު މިހާރު ވަނީ 5ބިލިއަނާއި 6ބިލިއަން ޕައުންޑާ ދެމެދުގެ އަދަދަކަށް އުފުލިފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް ބާރަ މަސްދުވަހުގެ ތެރޭގައި ކުލަބުގެ ކޮންޓްރޯލް ނެގޭ މިންވަރަށް މެޖޯރިޓީ ހިއްސާ ގަތުމުގެ އިޚުތިޔާރުވެސް އާ އިންވެސްޓަރުންނަށް ލިބިދީފައިވެއެވެ. އެހެން ނަމަވެސް، މިއީ ގާނޫނީ ގޮތުން އަމަލުކުރުން ލާޒިމުކުރާ މާއްދާއެއް ނޫންކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ލިވަޕޫލް ވުޖޫދަށް އައި ތާރީޚަށް ނިސްބަތްކޮށް ނަންދީފައިވާ "1892 ހޯލްޑިންގްސް"ގެ އިސް މޭސްތިރިއަކީ ކިއުޕީއާރްގެ ކުރީގެ ޗެއާމަން އަދި އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ އިނގިރޭސި ވިޔަފާރިވެރިޔާ އަމިތު ބާޓިއާއެވެ. އޭނާއަކީ ދަގަނޑުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ މަހުޖަނު ލަކްޝްމީ މިއްތަލްގެ ދަނބިދަރިއެވެ. މި އިންވެސްޓްމަންޓް ގްރޫޕުގައި ކޭފައިވް ސްޕޯޓްސް ފަންޑާއި، އީއީ ކެޕިޓަލްގެ އިތުރުން މިއްތަލް ފެމިލީ ޓްރަސްޓް ބައިވެރިވެއެވެ. ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ގުނާލެވޭ ބޭޒޯސްއަކީ ކޭފައިވްގެ އެންމެ ބޮޑު ހިއްސާދާރެވެ. އަދި ފޭސްބުކް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އެޑުއާޑޯ ސަވެރިން ވެސް މި ކޮންސޯޓިއަމްގައި ހިމެނެއެވެ.

ފުޓްބޯޅައާބެހޭ މައި އިދާރާތަކުން މި މުއާމަލާތް ފާސްކުރުމުން، ލިވަޕޫލްގެ ވައިސް ޗެއާމަންގެ ހައިސިއްޔަތުން ކުލަބުގެ ބޯޑުން ބާޓިއާއަށް ޖާގަ ލިބޭނެއެވެ. އޭނާގެ އިތުރުން އީއީ ކެޕިޓަލްގެ ފަރާތުން ސަވެރިން އާއި ކޭފައިވްގެ ފަރާތުން ބްރަޔަން ބައުމް ވެސް ބޯޑާ ގުޅިވަޑައިގަންނަވާނެއެވެ. އެހެން ނަމަވެސް، ކުލަބުގެ ހިންގާ ބޯޑުގައި ބޭޒޯސް އެއްވެސް ގޮތަކަށް ޝާމިލުވެވަޑައިނުގަންނަވާނެކަން ވަނީ ކަށަވަރުވެފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު