ދުނިޔޭގެ އެންމެ ބޮޑު އެއް މަހުޖަނު ކަމަށްވާ އެމެޒޯންގެ ބާނީ ޖެފް ބޭޒޯސްއާއި ފޭސްބުކްގެ ކޯ-ފައުންޑަރ އެޑުއާޑޯ ސަވަރިން ހިމެނިވަޑައިގަންނަވާ އިންވެސްޓަރުންގެ ގްރޫޕަކުން، އިނގިރޭސި ޕްރިމިއަރ ލީގުގެ ނަންމަޝްހޫރު ކުލަބު ލިވަޕޫލްގެ ތިންބައިކުޅަ އެއްބައި ހިއްސާ ގަތުމުގެ އެއްބަސްވުމެއްގައި ސޮއިކުރުމާ ވަރަށް ގާތަށް ގޮސްފި ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ހާމަކޮށްފިއެވެ.
މި މުއާމަލާތުގެ ސަބަބުން ކުލަބުގެ ޖުމްލަ އަގު ގާތްގަނޑަކަށް 5.9ބިލިއަން އެމެރިކާ ޑޮލަރު (4.4ބިލިއަން ޕައުންޑް)އަށް އަރާނެކަމަށް ލަފާކުރެވޭއިރު، މިއީ ފުޓުބޯޅައިގެ ތާރީޚުގައިވެސް ކުލަބެއްގެ އަގު މިހާ މައްޗަށް އެރި ފުރަތަމަ ފަހަރުތަކުގެ ތެރެއިން ފަހަރެކެވެ. ރިޕޯޓުތައް ބުނާގޮތުން، ލިވަޕޫލްގެ މިހާރުގެ ވެރިން ކަމަށްވާ ފެންވޭ ސްޕޯޓްސް ގްރޫޕް (އެފްއެސްޖީ)އިން މި ހަފުތާގެ ތެރޭގައި މި އިންވެސްޓްމަންޓް ރަސްމީކޮށް އިއުލާންކުރުން ވަރަށް ގާތެވެ.
އިނގިރޭސިވިލާތުގެ "ސްކައި ނިއުސް"އިން ހާމަކޮށްފައިވާ ގޮތުގައި، ބޭޒޯސް ފަދަ ބިލިއަނަރުން ހިމެނޭ މި ކޮންސޯޓިއަމްގެ އިސްކޮށް ހަރަކާތްތެރި ވަނީ މަޝްހޫރު ދަގަނޑުގެ ވިޔަފާރިވެރިޔާ ލަކްޝްމީ މިއްތަލްގެ ދަނބިދަރިފުޅު، އަމިތު ބާޓިއާއެވެ. އޭނާއަކީ އިނގިރޭސި އަދި އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ ފާހަގަކޮށްލެވޭ ވިޔަފާރިވެރިއެކެވެ.
2010ވަނަ އަހަރު ލިވަޕޫލްގެ ކޮންޓްރޯލް ނެގި އެފްއެސްޖީން އަންނަނީ ކުލަބުގެ މެޖޯރިޓީ ހިއްސާ އެ ކުންފުނީގެ އަތުގައި ބާއްވައިގެން، ބޭރުގެ އިންވެސްޓަރުން ހޯދުމަށް ފަހަކަށް އައިސް ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. ފާއިތުވި 16އަހަރުގެ ތެރޭގައި އެފްއެސްޖީގެ ދަށުން ކުލަބުގެ މާލީ އަގަށް އައިސްފައިވާ އިންތިހާ ކުރިއެރުން މި އިންވެސްޓްމަންޓުން ސާބިތުކޮށްދޭނެއެވެ. ނަމަވެސް، މީޑިއާގައި ދެކެވެމުންދާ މި ވާހަކަތަކާ ގުޅިގެން ކުލަބުން ވެސް އަދި އެފްއެސްޖީން ވެސް މިހާތަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
2025ވަނަ އަހަރުގެ އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން ހޯދި ލިވަޕޫލް މިވަގުތު އޮތީ ބޮޑެތި ބަދަލުތަކެއްގެ ތެރޭގައެވެ. ކޯޗު އާނޭ ސްލޮޓް މަގާމުން ދުރުކުރުމާއި، ކުލަބުގެ ތާރީޚީ ފޯވާޑް މުޙައްމަދު ސަލާހު ޓީމު ދޫކޮށްލުން މީގެ ތެރޭގައި ހިމެނެއެވެ. އޭގެ އިތުރުން، 30އަހަރުގެ މެދުކެނޑުމަކަށް ފަހު 2020ގައި ލީގު ކާމިޔާބުކުރުމުގައި އިސް ދައުރެއް އަދާކުރި މައިކަލް އެޑްވާޑްސް ވެސް ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި އެފްއެސްޖީގެ ސީއީއޯކަމުން އިސްތިއުފާދީފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.