ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ބާސެލޯނާގެ ރިޒާވް ޓީމުގެ އެސިސްޓަންޓަކަށް ބުސްކެޓްސް

ޝެއާ ކުރޭ Facebook Telegram Viber X

ކޯޗިން ލައިސަންސް ފުރިހަމަކުރުމުގެ ބޭނުމުގައި، ސްޕެއިންގެ މަޝްހޫރު ފުޓުބޯޅަ ކުލަބު ބާސެލޯނާގެ ކުރީގެ ތަރި ސާޖިއޯ ބުސްކެޓްސް އެ ކުލަބުގެ ރިޒާވް ޓީމު ކަމަށްވާ "ބާސާ އެތުލެޓިކް"ގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މިއަދު ހަރަކާތްތެރިވާން ފަށައިފިއެވެ.

މިއީ އެމެރިކާގެ އިންޓަރ މަޔާމީގައި ކުޅުމަށްފަހު ފުޓުބޯޅައިން ރިޓަޔަރކުރި ފަހުން އޭނާ ކޯޗިންގެ ދާއިރާއަށް ނުކުތް ފުރަތަމަ ފަހަރެވެ. 2025ވަނަ އަހަރުގެ އެމްއެލްއެސް ސީޒަން ނިންމާލުމަށް ފަހު ކުޅުން ހުއްޓާލިއިރު، ބުސްކެޓްސް ވަނީ ކުރީގެ އެކުވެރިން ކަމަށްވާ ލިއޮނެލް މެސީ، ޖޯޑީ އަލްބާ އަދި ލުއިސް ސުއަރޭޒް އާއެކު ދެ އަހަރާއި ބައި ވަންދެން މަޔާމީއަށް ކުޅެދީފައެވެ.

ބާސެލޯނާއިން ހާމަކުރި ގޮތުގައި، ކޯޗިންގެ ރޮނގުން ކުރިއަށްދިއުމަށް ބުސްކެޓްސް މަސައްކަތްކުރާނީ ބާސާ އެތުލެޓިކްގެ ހެޑް ކޯޗު ޖޫލިއާނޯ ބެލެޓީއާ އެކުގައެވެ. ލަ މާސިއާ އެކެޑަމީގެ ޒުވާން ކުޅުންތެރިންގެ މައްޗަށް ބިނާވެފައިވާ މި ޓީމަކީ ދާދި ފަހުން ބާސެލޯނާގެ ސީނިއަރ ޓީމުން ވިދާލި ލަމީން ޔަމާލް، ޕައު ކުބާސީ، ހެކްޓަރ ފޯޓް އަދި މާކް ކަސާޑޯ ފަދަ ކުޅުންތެރިން އުފެއްދި ޓީމެވެ. ކުރިން ސްޕެއިންގެ ދެވަނަ ޑިވިޝަނުގައި ވެސް ވާދަކުރި މި ޓީމު މިހާރު ކުޅެމުން އަންނަނީ ހަތަރުވަނަ ޑިވިޝަނުގައެވެ.

ބާސެލޯނާގެ ތާރީޚުގައި އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިންގެ ލިސްޓުގެ ތިންވަނައިގައި އޮތް ބުސްކެޓްސް ވަނީ އެ ކުލަބުގައި 18އަހަރު ހޭދަކޮށްފައެވެ. ޖުމްލަ 722މެޗު ކުޅެ، އަންދްރެސް އިނިއެސްޓާ އާއި ޒަވީ ހެނާންޑޭޒް އާއެކު ވަރުގަދަ މިޑްފީލްޑެއް އެކުލަވާލައި، އޭނާ ވަނީ ޔޫއެފްއޭ ޗެމްޕިއަންސް ލީގު ތިން ފަހަރު އަދި ސްޕެނިޝް ލީގު ނުވަ ފަހަރު ކާމިޔާބުކޮށްފައެވެ.

ކުލަބު ފެންވަރުގެ އިތުރުން ޤައުމީ ޓީމުގައި ވެސް ބުސްކެޓްސް އަކީ މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. ސްޕެއިންގެ ޖާޒީގައި 143މެޗު ކުޅެދީފައިވާއިރު، 2010ގެ ފީފާ ވޯލްޑް ކަޕް އަދި 2012ގެ ޔޫރޯ އޭނާ ވަނީ ކާމިޔާބުކޮށްފައެވެ. އޭނާގެ ކެރިއަރު ނިންމާލީ އިންޓަރ މަޔާމީއަށް 56މެޗު ކުޅެދިނުމަށް ފަހު، 2025ގެ އެމްއެލްއެސް ކަޕް އުފުލާލުމަށް ފަހުގައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު