އައްޑޫ ސިޓީ ކައުންސިލާއި މޯލްޑިވްސް އެކުއަޓިކްސް ގުޅިގެން ސ. ހިތަދޫގައި ކުރިއަށްގެންދާ 9ވަނަ "ރާއްޖެ ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕް 2026"ގެ އައްޑޫ ޒޯންގެ ކުޅުން، ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު އިއްޔެ ރަސްމީކޮށް ފަށައިފިއެވެ.
މި ހަރަކާތް ފެށުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރެވެ. މޯލްޑިވްސް އެކުއަޓިކްސްއިން މައުލޫމާތު ދެއްވާ ގޮތުގައި، އިއްޔެއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މި މުބާރާތް ކުރިއަށްދާނެއެވެ. އިވެންޓުތައް ތާވަލުކުރެވިފައިވަނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 7:30އިން 10:00އަށް، އަދި ހަވީރުގެ ދަންފަޅި 4:00އިން 6:00އަށެވެ.
ތަފާތު 7ސްކޫލަކުން ޖުމްލަ 135ދަރިވަރުން މި ފަހަރުގެ ޗެމްޕިއަންޝިޕްގައި ވާދަކުރެއެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ތަޢުލީމީ މުއައްސަސާތަކުގެ ތެރޭގައި، ޝަރަފުއްދީން ސްކޫލް، ސ. އަތޮޅު މަދަރުސާ، މަރަދޫ ސްކޫލް، ހިތަދޫ ސްކޫލް، ފޭދޫ ސްކޫލް، އައްޑޫ ހައި ސްކޫލް އަދި ގދ. އަތޮޅު ތަޢުލީމީ މަރުކަޒު ހިމެނެއެވެ.
މިއީ ސިޓީ ކައުންސިލްގެ އިތުރުން ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިގެން ކުރިއަށްދާ މުބާރާތެކެވެ. އެގޮތުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އިތުރުން މޯލްޑިވްސް ރެޑްކްރެސެންޓުގެ ފަރާތުންވެސް މި އިވެންޓަށް ފުރިހަމަ އެއްބާރުލުން ދެއްވަމުން ގެންދަވާކަން އިންތިޒާމުކުރާ ފަރާތުން ފާހަގަކުރެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.