މޯލްޑިވްސް އަކުއަޓިކްސް އާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން، ފެތުންތެރިންގެ ހުނަރު ދައްކާލުމުގެ މަޤުޞަދުގައި އިއްޔެ ސ. ހިތަދޫގައި ފެށި "އަތޮޅު ދިގުފެތުން، އައްޑޫ ޒޯން 2026"ގެ އެކި ކެޓަގަރީތަކުގެ ފޯރިގަދަ ރޭސްތަކަށްފަހު މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އެންމެ ޝަރަފުވެރި އަދި އެންމެ ދިގު އިވެންޓް ކަމަށްވާ ތިން ކިލޯމީޓަރުގެ ރޭހުން ފިރިހެން ބައިގެ އެއްވަނަ ފެތުންތެރިޔާގެ މަޤާމު އިބްރާހީމް ޔުއާން ޝަމީމް ކަށަވަރުކުރިއިރު، އަންހެން ބައިން ރަން މެޑަލް ހާސިލުކުރީ އައިމިނަތު ޒީވާ އާމިރެވެ. މި ކެޓަގަރީގެ ފިރިހެން ބައިގެ ދެވަނަ ޔޫސުފް ޒިޔާން ޒާހިދަށް ލިބުނުއިރު، އަންހެން ބައިގެ ދެވަނަ ހޯދީ ފާތިމަތު ލައިލީ ބިންތި ހުސައިނެވެ. އަދި ފިރިހެން ބައިގެ ތިންވަނަ މަޤާމު ހޯދާފައިވަނީ މުޙައްމަދު އައިހަމް އަބްދުއް ޝަކޫރެވެ.
މީގެ އިތުރުން، އެއް ކިލޯމީޓަރުގެ ރޭހަށް ބަލާއިރު، ފިރިހެން ބައިގެ ޗެމްޕިއަންކަން އައިކް ބިން ފައިސަލް ހޯދިއިރު، އަންހެން ބައިގެ އެންމެ މޮޅު ފެތުންތެރިޔަކަށް ހޮވުނީ އައިޝަތު މިޝްކާ ތަސްލީމެވެ. މި ރޭހުގެ ފިރިހެން ބައިން ދެވަނަ އަދި ތިންވަނަ ޔޫސުފް އައިކް އާމިރާއި މޫސާ މިކްޔަލް ޝަހުބާޒް އަށް ލިބުނުއިރު، އަންހެން ބައިން ދެވަނަ އާއި ތިންވަނަ ހާސިލުކުރީ އާނާ އަޙްމަދު ޝިފާއު އާއި އާމިނަތު އަލްބާ ޝާނީޒެވެ.
މުބާރާތުގެ އެންމެ ފޯރިގަދަ އެއް އިވެންޓުގެ ގޮތުގައި ކުރިއަށްދިޔަ 500މީޓަރުގެ ހަތަރު ލެޕް ހިމެނޭ ރިލޭ ރޭހުގައި ނުވަ ޓީމަކުން ވާދަކުރިއެވެ. މި އިވެންޓުގެ އެއްވަނަ ހޯދީ ޔުއާން، މިޝްކާ، އައިޝްކާ އަދި ޒިޔާން ހިމެނޭ "ޓީމު 4"އެވެ. އައިހަމް، މަލާކް، އައިރާ އަދި އައިކް ހިމެނޭ "ޓީމު 7"އަށް ދެވަނަ ލިބުނުއިރު، ތިންވަނަ މަޤާމު ކަށަވަރުކުރީ ޢަބްދުﷲ ޒައިން ޖިހާދު، ޚަދީޖާ އާން، ޒީވާ އަދި އަތޫފް ހިމެނޭ "ޓީމު 5"އިންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.