ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން ގާތީ ޕީއެސްޖީ: ޓޮރޭޒް

ޝެއާ ކުރޭ Facebook Telegram Viber X

ބާސެލޯނާ ދޫކޮށް 50މިލިއަން ޔޫރޯގެ އަގަކަށް ފްރާންސްގެ ޕީއެސްޖީއާ ގުޅުމަށް ފަހު، ސްޕޭންގެ ހުނަރުވެރި ފޯވާޑް ފެރަން ޓޮރޭޒް، އޭނާ އެ ކްލަބް އިޚްތިޔާރުކުރި އެންމެ ބޮޑު ސަބަބަކީ ވިދިވިދިގެން ތިންވަނަ ފަހަރަށް ޗެމްޕިއަންސް ލީގު އުފުލާލުމުގެ ފުރުސަތު އޮތުންކަން ހާމަކޮށްފިއެވެ.

ފްރާންސްގެ ވެރިރަށް ،ޕެރިހަށް ނިސްބަތްވާ ޕީއެސްޖީއަށް ބަދަލުވުމަށް ފަހު މީޑިއާއަށް ދިން ފުރަތަމަ ބަސްދީގަތުމުގައި ޓޮރޭޒް ފާހަގަކުރި ގޮތުގައި، ޕީއެސްޖީއަކީ ވޭތުވެދިޔަ ދެ އަހަރު ވެސް ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ ވަރުގަދަ ބާރެކެވެ. މީގެ އިތުރުން، ސްޕޭނަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި ފައިނަލްގައި އާޖެންޓީނާ ކޮޅަށް ލަނޑުޖެހި ތަރި ބުނީ، ޕީއެސްޖީގެ ކޯޗުކަމުގެ މަގާމުގައި ލުއިސް އެންރީކޭ ހުރުމަކީ ވެސް މި ނިންމުން ނިންމަން ފަސޭހަވި މުހިންމު ސަބަބެއް ކަމަށެވެ. 

އެންރީކޭއާ އެކު ކުރިން ބާސެލޯނާ އަދި ސްޕޭންގެ ގައުމީ ޓީމުގައި ވެސް މަސައްކަތްކޮށްފައިވާތީ، އާ މާހައުލަށް ހޭނުމަށް އެއްވެސް ދަތިކަމަކާ ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން ޓޮރޭޒް ވަނީ ދީފައެވެ. އަދި ޓީމުގައި ތިބި ގިނަ ކުޅުންތެރިންނަކީ އޭނާ ދަންނަ، ބައިނަލްއަގުވާމީ ފެންވަރުގެ މޮޅެތި ކުޅުންތެރިންކަން ވެސް ފާހަގަކުރިއެވެ.

މި ޓްރާންސްފާއާ ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗު އެންރީކޭ ބުނީ، ޓޮރޭޒްއަކީ ކުރީކޮޅުގެ ކޮންމެ މަގާމަކަށް ވެސް ކުޅުމުގެ ގާބިލުކަން ލިބިފައިވާ ހުނަރުވެރިއެއް ކަމަށެވެ. އަދި އޭނާ އައުމާ އެކު، ޓީމުގެ އެޓޭކިން ލައިން އިތުރަށް ފުރިހަމަވެ، ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޔޫރަޕްގެ ތަށި ދިފާއުކުރުމަށް ނުކުންނައިރު ކުރިއަށް ވުރެ ގިނަ އިހުތިޔާރުތަކެއް ލިބިގެންދާނެކަން ކޯޗު ފާހަގަކުރިއެވެ. ޓޮރޭޒްއަކީ ޓީމުގެ ކުޅުމުގެ ވައްޓަފާޅިއަށް ވަރަށް ފަސޭހައިން ހޭނޭނެ ކުޅުންތެރިއެއްކަމަށް ވެސް އެންރީކޭ ބުންޏެވެ.

ފާއިތުވި ސީޒަންތަކުގައި ބާސެލޯނާއިން ޗެމްޕިއަންސް ލީގުގައި އެދެވޭ ނަތީޖާތަކެއް ނެރެވިފައިނުވާއިރު، އަދި ޓީމު އެކަށީގެންވާ ވަރަށް ވަރުގަދަކުރެވިފައި ނުވާއިރު، ޕީއެސްޖީން ވަނީ ޔޫރަޕިއަން ސުޕަ ކަޕް ކާމިޔާބުކޮށް އާ ސީޒަނާ ވެސް ކާމިޔާބީއާއެކު ކުރިމަތިލާފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު