ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

އެންޒޯގެ ޓްރާންސްފަރ ނިންމަން މުހުލަތެއް

ޝެއާ ކުރޭ Facebook Telegram Viber X

ޗެލްސީގެ އާޖެންޓީނާ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒްގެ ސޮއި ހޯދުމަށް މަސައްކަތްކުރާ ކުލަބުތަކަށް، އެ ކުޅުންތެރިޔާ ވިއްކާލުމަށް ކަނޑައަޅާފައިވާ 120މިލިއަން ޕައުންޑުގެ އަގާއެކު މާދަމާ ހަވީރު 5:00ގެ ކުރިން ޓްރާންސްފަރގެ މުއާމަލާތްތައް ނިންމުމަށް އެ ކުލަބުން އަންގައިފިއެވެ.

މިދިޔަ މަހު ނިމިގެންދިޔަ ވޯލްޑް ކަޕުގައި އާޖެންޓީނާ ޓީމުގައި ވެސް މޮޅު ކުޅުމެއް ދެއްކި އެންޒޯ ގެންދިއުމަށް މިހާތަނަށް އެންމެ ބޮޑަށް ފައިވިއްދާފައިވަނީ މެންޗެސްޓަރ ސިޓީންނެވެ. ސިޓީގެ މިހާރުގެ ކޯޗު އެންޒޯ މަރެސްކާގެ އިރުޝާދުގެ ދަށުން ޗެލްސީގައި ކުރިން މޮޅު ކުޅުމެއް ދައްކައި، ކުލަބު ވޯލްޑް ކަޕާއި ޔޫއޭފާ ކޮންފަރެންސް ލީގު އެ ކުލަބަށް ކާމިޔާބުކޮށްދިނުމުގައި އެންޒޯ ވަނީ އިސް ދައުރެއް އަދާކޮށްފައެވެ. 

ކުރިއަށް އޮތް ސީޒަނަށް ސިޓީގެ ސްކޮޑާ ހަވާލުވުމަށްފަހު މަރެސްކާ އެންމެ ބޮޑަށް އެންޒޯ ގެންނަން މަސައްކަތްކުރާ މައިގަނޑު އެއް ސަބަބަކީ، އެ ޓީމުގެ ކެޕްޓަން އަދި އެންމެ މުހިންމު މިޑްފީލްޑަރު ރޮޑްރީގޯ ކުލަބު ދޫކޮށްލަން ބޭނުންވެގެން އެކަން މެނޭޖްމަންޓަށް ހުށަހަޅާފައިވުމެވެ. މާލީ ގޮތުން ތަނަވަސްކަން ހުރި ސިޓީން އޮތީ ޗެލްސީން އެންޒޯއަށް ކިޔާ 120މިލިއަން ޕައުންޑުގެ ބޮޑު އަގު ދައްކަން ވެސް ފުރިހަމައަށް ތައްޔާރަށެވެ.

ޗެލްސީން ހާމަކޮށްފައިވާ ގޮތުގައި، މާދަމާ ހަވީރު 5:00ޖެހުމާއެކު އެންޒޯ ވިއްކުމުގެ މުއާމަލާތްތަކަށް ނިމުމެއް އަންނާނެއެވެ. އަދި އެ ވަގުތުގެ ކުރިން އެ ކުލަބުން ޑިމާންޑުކުރާ އަގު ނުލިބިއްޖެނަމަ، އެންޒޯ ވިއްކާލުމަށް ހުޅުވިފައިވާ ދޮރު އެއްކޮށް ބަންދުވާނެ ކަމުގެ އިންޒާރު ވެސް ދީފައިވެއެވެ. ލަންޑަނުގެ ކުލަބުން އޭނާ ވިއްކާލަން ވިސްނަން ފެށީ، ސިޓީއަށް ބަދަލުވުމަށް އެންޒޯ އަމިއްލައަށް ޝައުގުވެރިކަން ފާޅުކުރުމާ ގުޅިގެންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ ސީޒަނުގެ މެދުތެރެއިން ސްޕެއިނުގެ ރެއާލް މެޑްރިޑުން ވެސް ވަނީ އޭނާ ގަތުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު