ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ރިޒޭގެ ލޯނު ކޮންޓްރެކްޓް ދާއިމީކޮށްފި

ޝެއާ ކުރޭ Facebook Telegram Viber X

ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން، ކްލަބް އީގަލްސްގެ ލޯނު އެއްބަސްވުމެއްގެ ދަށުން މިދިޔަ ސީޒަނުގައި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކުޅުނު ހުނަރުވެރި ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ)އެ ކްލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ދާއިމީކޮށްފިއެވެ.

ނިމިދިޔަ ސީޒަނުގެ ފަހު މެޗުތަކުގައި ވިކްޓްރީގެ ކުރީކޮޅުގައި މުހިންމު ދައުރެއް އަދާކުރި ރިޒޭ ވަނީ، އީގަލްސްއާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސް، ރަސްމީކޮށް ވިކްޓްރީގެ ކުޅުންތެރިއަކަށް ބަދަލުވެފައެވެ. މި ބަދަލަކީ އައު ސީޒަނާ ކުރިމަތިލާއިރު ވިކްޓްރީގެ ސްކޮޑް އިތުރަށް ވަރުގަދަކުރުމަށް އެ ކްލަބުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ނިންމި މުހިންމު ނިންމުމެކެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅެތި ފޯވާޑުންގެ ތެރޭގައި ގުނާލެވޭ ރިޒޭ ވަނީ އީގަލްސްގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅެ، އެ ޓީމަށް ސަތޭކައަށްވުރެ ގިނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މިއާ އެކު އޭނާ ވެފައިވަނީ، ދިވެހި ފުޓުބޯޅައިގެ ތާރީޚުގައި އެއް ކްލަބަކަށް ސަތޭކަ ގޯލު ހަމަކޮށްދިން ހަތަރުވަނަ ކުޅުންތެރިޔާއަށެވެ. މީގެ ކުރިން މި ޝަރަފު ހޯދާފައިވަނީ އަލީ އަޝްފާގް (ދަގަނޑޭ)އާއި، އަލީ ފާސިރު (ސެންޓޭ)ގެ އިތުރުން އަސަދުﷲ އަބްދުﷲ އެވެ. އޭނާ ވަނީ 2015ވަނަ އަހަރު އީގަލްސްއިން ޕްރެޒިޑެންޓްސް ކަޕް އުފުލާލިއިރު މުހިންމު ހިއްސާއެއް ވެފައެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްއިން ދޭ އަހަރުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު 2023ވަނަ އަހަރު ހާސިލުކުރި ރިޒޭ ވަނީ ޒުވާން ގައުމީ ޓީމުތަކުގެ އިތުރުން ސީނިއާ ގައުމީ ޓީމަށްވެސް ކުޅެފައެވެ. މީގެ ކުރިން 2017ވަނަ އަހަރު މާލޭ ލީގުގެ ގަދަ ހަތަރަކުން އީގަލްސް ކަޓައިގެން ދިއުމުން، ލޯނު އުސޫލުން ގދ. ތިނަދޫ ޓީމަށް ވެސް އޭނާ ކުޅެދީފައިވެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު