މުވައްޒަފުންގެ މެދުގައި ދުޅަހެޔޮ ސިއްހަތަކާއި އެކުވެރިކަން އާލާކުރުމުގެ މަގުސަދުގައި، ވީރަން މޯލްޑިވްސް އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި "ބީއެމްއެލް ވީރަން - ކޯޕަރޭޓްސް"ރިލޭ ދުވުން މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގައި ވަރަށް ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފިއެވެ.
މި ދުވުމަކީ ރާއްޖޭގެ އެކި ކުންފުނިތަކާއި، ޖަމިއްޔާތަކާއި އަދި މުއައްސަސާތަކަށް އަމާޒުކޮށްގެން ބޭއްވި ތާރީޚީ ހަރަކާތެކެވެ. ކޮންމެ ޓީމެއްގައި ފަސް މެންބަރުން ހިމެނޭގޮތަށް، ކޮންމެ ދުވުންތެރިއަކު އެއް ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތުކުރާ ގޮތަށް ފަރުމާކޮށްފައިވާ މި ރޭހަކީ ރާއްޖޭގައި ބޭއްވުނު މި ފަދަ ފުރަތަމަ ކޯޕަރޭޓް ރިލޭއެވެ. މީގެ އިތުރުން، މިއީ ދުވުންތެރިންގެ ވަގުތު ރެކޯޑުކުރުމަށްޓަކައި ޓައިމިންގ ޗިޕެއް ހަރުކޮށްފައިވާ ބެޓަންއެއް ބޭނުންކޮށްގެން ރާއްޖޭގައި ބޭއްވި ފުރަތަމަ އިވެންޓްކަން ވެސް ގައުމީ ބޭންކުން ފާހަގަކުރެއެވެ.
ޖުމްލަ 18ޓީމަކުން މި މުބާރާތުގައި ވާދަކުރިއިރު، އޭގެ ތެރޭގައި 11ފިރިހެން ޓީމާއި 7އަންހެން ޓީމު ހިމެނެއެވެ. ފިރިހެން ކެޓަގަރީގެ އެއްވަނަ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުން ހޯދިއިރު، ދެވަނައަށް ދިޔައީ ރަންއިންމޯޑް އެތުލެޓިކްސްއެވެ. އަދި ތިންވަނަ ލިބުނީ ބީއެމްއެލްގެ ޓީމަށެވެ. އަންހެން ބައިގެ ޗެމްޕިއަންކަން ރަންއިންމޯޑް އެތުލެޓިކްސް ކަށަވަރުކުރިއިރު، ދެވަނަ މަގާމު ހޯދީ ކްރޮސްރޯޑްސް އައިލެންޑް ސްޕްރިންޓާސްއެވެ. މި ކެޓަގަރީގެ ތިންވަނަ ހޯދީ އޭޑީކޭ ސިނަރޖީ އިންނެވެ.
ދިވެހި މުޖުތަމައުގެ ދުޅަހެޔޮކަމާއި ކުޅިވަރުގެ ކުރިއެރުމަށް ބީއެމްއެލްއިން އަބަދުވެސް އަންނަނީ ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން، އިޖުތިމާއީ ގުޅުން ބަދަހިކުރުމާއި ސިއްހަތަށް ފައިދާ ހުރި މިފަދަ ގިނަ ޕްރޮގްރާމްތަކަކަށް އެ ބޭންކުން މެދުކެނޑުމެއް ނެތި އެއްބާރުލުން ދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.