ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން، އިނގިރޭސި ކްލަބް ޗެލްސީއަށް ކުޅެމުން އައި އުމުރުން 27އަހަރުގެ ޑިފެންޑަރު ޓްރެވޯ ޗަލޮބާ 30މިލިއަން ޕައުންޑަށް ވުރެ ބޮޑު އަގަކަށް އިޓަލީގެ ކޯމޯއަށް ބަދަލުވުމަށް ދެ ކްލަބުގެ ދެމެދުގައި އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
މި ޓްރާންސްފާގެ ދަށުން އެންމެ ފުރަތަމަ 25.7މިލިއަން ޕައުންޑް ޗެލްސީއަށް ލިބޭނެކަމަށް މީޑިއާ ރިޕޯޓުތައް ބުނާއިރު، އިތުރު 5.1މިލިއަން ޕައުންޑް އެޑްއޮންސްގެ ގޮތުގައި އެ ކްލަބަށް ފަހުން ލިބިގެންދާނެއެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކޮލިފައިންގައި ވާދަކުރުމުގެ ޖާގަ ކަށަވަރުކޮށްފައިވާ ކޯމޯއިން ޗަލޮބާ އެ ކްލަބަށް ގެންދިއުމުގެ މަސައްކަތް ފަށާފައި ވަނީ ހިނގަމުންދާ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
އުމުރުން އެންމެ ހަތް އަހަރުގައި ޗެލްސީގެ އެކަޑަމީއާ ގުޅުނު ޗަލޮބާ ވަނީ ވޭތުވެދިޔަ ވިހި އަހަރު ދުވަހު އެ ކްލަބުގައި ހޭދަކޮށްފައެވެ. އޭނާ ދެން ފެނިގެންދާނީ ޗެލްސީ އާއި އާސެނަލްގެ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ސެސް ފެބްރިގާސްގެ އިރުޝާދުގެ ދަށުން ކޯމޯއަށް ކުޅެމުންދާތަނެވެ.
ޗެލްސީގެ ކޯޗު ޝަބީ އަލޮންސޯ އެ ޓީމުގެ ސްކޮޑަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާއިރު، މިވަގުތު ވެސް ޓީމުގެ ޑިފެންސްލައިންގައި ގިނަ ކުޅުންތެރިންތަކެއް އެބަތިއްބެވެ. އެހެންކަމުން، ޗަލޮބާގެ އިތުރުން ވެސް ފަހަތަށް ކުޅޭ އިތުރު ދެ ކުޅުންތެރިއަކު އެ ކްލަބުން ދޫކޮށްލާނެކަމަށް ޚަބަރުތައް ބުނެއެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.