ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން އިންތިޒާމުކޮށްގެން ރާއްޖޭގެ ރަށްރަށަށް އަމާޒުކޮށްގެން ބާއްވާ "ރާއްޖެ ސުޕަ ލީގު"ގެ ފުރަތަމަ މެޗުތަކުން ވ. ފެލިދޫ، ލ. ފޮނަދޫ އަދި ބ. ގޮއިދޫ ވަނީ މޮޅަކާއެކު ފެށުން ރަނގަޅުކޮށްފިއެވެ.
ތަފާތު އެކި ސަބަބުތަކާ ހުރެ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ފަސްކުރަން ޖެހުނު މި މުބާރާތް ފެށީ އިއްޔެއެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ވ. ފެލިދޫއާއި ހދ. ހަނިމާދޫއެވެ. ވަރުގަދަ ސްކޮޑަކާ އެކު މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ނުކުތް ފެލިދޫއިން މި މެޗު ކާމިޔާބުކުރީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 21-25 އިން ފެލިދޫ ގެންދިޔަ ނަމަވެސް، ވާދަވެރި ކުޅުމަކަށްފަހު ދެވަނަ ސެޓު 27-25އިން ހަނިމާދޫން ކާމިޔާބުކުރިއެވެ. ނަމަވެސް، ފެލިދޫއިން ވަނީ ތިންވަނަ ސެޓު 25-22އިން އަދި ހަތަރުވަނަ ސެޓު 25-17އިން ހޯދައި މެޗުން މޮޅުވެފައެވެ. މި ސެޓުގައި ހަނިމާދޫގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ.
ރޭ ކުޅުނު ދެވަނަ މެޗުގައި ލ. ފޮނަދޫއިން ވަނީ ކ. މާފުށީގެ މައްޗަށް ފަސޭހަކަމާއެކު ކުރިހޯދާފައެވެ. ފޮނަދޫއިން މި މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ފޮނަދޫއިން ގެންދިޔައީ 25-20، 25-18 އަދި 25-18 އިންނެވެ.
ރޭ ކުޅުނު ފަހު މެޗުގައި ބައްދަލުކުރީ ބ. ގޮއިދޫ އާއި ތ. ހިރިލަންދޫއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު 3-2 ސެޓުން ކާމިޔާބުކުރީ ގޮއިދޫއެވެ. މެޗުގެ ފުރަތަމަ ސެޓު 22-25 އިން ގޮއިދޫ ގެންދިޔަ ނަމަވެސް، ދެވަނަ ސެޓުގައި ގޮއިދޫގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ފައިދާ ނަގައި ހިރިލަންދޫން ވަނީ 25-17އިން ސެޓު ހޯދާފައެވެ. ތިންވަނަ ސެޓު 22-25އިން ގޮއިދޫ ކާމިޔާބުކުރިއިރު، ހަތަރުވަނަ ސެޓު ހިރިލަންދޫން ގެންދިޔައީ 25-14 އިންނެވެ. ނަތީޖާ ކަނޑައެޅުމަށް ކުޅުނު ފަހު ސެޓު ގޮއިދޫއިން ހޯދީ 13-15 އިންނެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.