ފަރަންސޭސިވިލާތުގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާންގެ ކޯޗިން ސްޓާފުންގެ ތެރޭގައި ހިމެނުމަށް ޓަކައި، އެ ޓީމުގެ ގޯލްކީޕަރު ޓްރޭނަރެއްގެ ގޮތުގައި ކުރީގެ މަޝްހޫރު ކީޕަރު ފަބިއަން ބާތޭޒް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަގާމާ ހަވާލުވުމަށް ބާތޭޒް ތައްޔާރުވަމުން ދިޔަ ނަމަވެސް، ކީޕަރުން ތަމްރީނުކުރުމަށް ބޭނުންވާ އެންމެ މަތީ ފެންވަރުގެ ލައިސަންސް އޭނާގެ އަތުގައި އޮތްކަން އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ. މީގެ ކުރިން 2010ވަނަ އަހަރު، 1998ގެ ވޯލްޑް ކަޕްގައި ޒިދާނާއި ބާތޭޒާ އެކު ކުޅުނު ލޯރަންޓް ބްލޯންކް ފަރަންސޭސި ޓީމާ ހަވާލުވެ ހުރިއިރު، ބާތޭޒް ވަނީ ކުރު މުއްދަތަކަށް ގައުމީ ޓީމުގެ ތެރޭގައި މަސައްކަތްކޮށްފައެވެ.
އެއަށް ފަހު ފުޓުބޯޅައާ ދުރަށްގޮސް ބާތޭޒް ފެނިފައިވަ ނީ މޮޓޯ ރޭސިންގ މުބާރާތްތަކާއި ފަރުބަދައަށް އެރުން ފަދަ ކަންކަމުންނެވެ. އުމުރުން 55 އަހަރުގެ ބާތޭޒަކީ 1998ގެ ވޯލްޑް ކަޕާއި، 2000ވަނަ އަހަރުގެ ޔޫރޯގެ އިތުރުން ކޮންފެޑަރޭޝަންސް ކަޕް ފަރަންސޭސިންނަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި، އޭރުގެ އެންމެ މޮޅު އެއް ގޯލްކީޕަރެވެ.
ގައުމީ ޖާޒީގައި 87މެޗު ކުޅެދީފައިވާ ބާތޭޒް ވަނީ 2006ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ކުޅުން ހުއްޓާލާފައެވެ. 1998ގެ ވޯލްޑް ކަޕްގެ އެންމެ މޮޅު ކީޕަރުގެ މަގާމު ހޯދުމާ އެކު އޭނާ މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވި ނަމަވެސް، އެ ކްލަބުގައި އޭނާއަށް ހެދުނު ގޯސްތަކެއްގެ ސަބަބުން ކޯޗު އެލެކްސް ފާގަސަން ވަނީ ލަސްނުކޮށް އޭނާ އެހެން ކްލަބަކަށް ވިއްކާލާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.