ވ. ކެޔޮދޫގައި މިހާރު ކުރިއަށްދާ ކެޔޮދޫ ކައުންސިލް ވޮލީބޯޅަ މުބާރާތުގެ ލީގު ބުރުގައި ތަފާތު މޮޅު ކުޅުމެއް ދެއްކުމަށް ފަހު، ފިރިހެން ޑިވިޝަނުގެ ފައިނަލުން އަލްބާ ލޮޖް އަދި އަންހެން ޑިވިޝަނުގެ ފައިނަލުން ޔުނައިޓެޑް ގްރީން ޖާގަ ޔަގީންކޮށްފިއެވެ.
މި މުބާރާތުގެ ފިރިހެން ބައިގެ ތަށި ވިދިވިދިގެން ތިން އަހަރު ހޯދާފައިވާ އަލްބާ ލޮޖުން ފައިނަލްގެ ޓިކެޓް ހޯދީ، ލީގު ބުރުގައި ބާކީ އެއް މެޗު އޮއްވައި، ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓް ހަމަކޮށްގެންނެވެ. އެ ޓީމުން ފައިނަލްގެ ޖާގަ ޔަގީންކުރި މެޗުގައި މަންތާ ވިއުއާ ބައްދަލުކޮށް ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ވަނީ ކުރިހޯދާފައެވެ. މި މެޗުގެ ސެޓުތައް އެ ޓީމުން ގެންދިޔައީ 25-11، 25-15އަދި 25-15އިންނެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކުރީ ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަހުމަދު ފާޒިލްއެވެ.
އަނެއްކޮޅުން، އަންހެން ޑިވިޝަނުގެ ފައިނަލަށް ދަތުރުކުރި ޔުނައިޓެޑް ގްރީން (ޔޫޖީ)އިން ވަނީ ލީގު ބުރުގައި އެ ޓީމު ކުޅުނު ތިން މެޗުންވެސް ސީދާ ތިން ސެޓުން މޮޅުވެފައެވެ. ގައުމީ އަންހެން ވޮލީ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ އާއި ހުނަރުވެރި ކުޅުންތެރިޔާ އާމިނަތު ޝަހާ ޝާމިން ހިމެނޭ ޔޫޖީން ފައިނަލް ކަށަވަރުކުރީ ރޭވާ އަތުން 25-13، 25-12އަދި 25-21އިން މޮޅުވެގެންނެވެ. މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޝަހާއެވެ. ފާހަގަކޮށްލެވޭ ގޮތުގައި ރޭވާ ޓީމުގައި ވެސް ގައުމީ ފެންވަރުގެ ތިން ކުޅުންތެރިން ހިމެނެއެވެ.
މުބާރާތުގެ ފިރިހެން އަދި އަންހެން ޑިވިޝަނުން ފައިނަލުގެ ދެވަނަ ޖާގަ ހޯދުމަށް އަދިވެސް ވާދަވެރިކަން ވަރަށް ބޮޑެވެ. ފިރިހެން ބައިން ފައިނަލުގެ ފަހު ޖާގައަށް މަންތާ ވިއުއާއި ޔުނައިޓެޑް ގްރީން ފައިވިއްދާފައިވާއިރު، އަންހެން ބައިގެ ދެވަނަ ޖާގައަށް ތިން ޓީމަކުން ދަނީ މަސައްކަތްކުރަމުންނެވެ. އަންހެން ޑިވިޝަނުގެ ތާވަލުގެ ދެވަނައިގައި 6ޕޮއިންޓާއެކު މަންތާ ވިއު އޮތްއިރު، އެ ޓީމަށް ދެން އޮތީ 4ޕޮއިންޓާ އެކު އޮތް ދިނަޝާއާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި 5ޕޮއިންޓާއެކު ތިންވަނައިގައި އޮތް އަލްބާ ލޮޖް ފަހު މެޗުގައި ނުކުންނާނީ ފޯމުގައި އޮތް ޔޫޖީއާ ދެކޮޅަށެވެ. އަލްބާ ލޮޖުން ވަނީ އެ ޓީމު ކުޅުނު ތިންވަނަ މެޗުގައި ފަސް ސެޓަށް ކުޅުން ގެންގޮސްގެން ދިނަޝާގެ މައްޗަށް ކުރިހޯދާފައެވެ.
ކޮމެންޓުތައް (0)
އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.