ހޯދާ
ހޮނިހިރު • 17 އޮކްޓޯބަރު 2026
🔖

ފީފާގެ ޕްލޭނަށް އޭއެފްސީން ވެސް ފާޑުކިޔައިފި

ޝެއާ ކުރޭ Facebook Telegram Viber X

ފީފާ ވޯލްޑް ކަޕާއި އެ އިދާރާގެ އެހެނިހެން މުބާރާތްތަކުގެ ވިޔަފާރި އޮޕަރޭޝަންތަކުން ހިއްސާ ވިއްކުމަށް ޓަކައި ކުންފުންޏެއް އުފައްދަން އުޅޭކަން ހާމަކުރުމާ ގުޅިގެން، އެކަމުގައި އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާތީ އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ (އޭއެފްސީ)އިން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފިއެވެ.

މެލޭޝިއާގެ ކުއާލަލަމްޕޫރުގައި މައި އިދާރާ ހުންނަ އަދި 47މެންބަރު ގައުމު ތަމްސީލުކުރާ އޭއެފްސީން ނެރުނު ބަޔާނެއްގައި ބުނީ، މިފަދަ ބޮޑު ޕްރޮޖެކްޓެއް ހިންގަން އުޅޭކަމުގެ އެއްވެސް އިޝާރާތެއް ފީފާއިން ކުރިން ދީފައި ނުވާ ކަމަށެވެ. އަދި ރަސްމީކޮށް އެންގުމުގެ ކުރިން އާންމު ޕްލެޓްފޯމުތަކުން މިކަން ހާމަވުމަކީ ދެފުށް ފެންނަ އުސޫލުތަކާއި ހަރުދަނާ ހިންގުމުގެ ނިޒާމާ މުޅިން ހިލާފު ކަމެއް ކަމަށް އޭއެފްސީން ފާހަގަކުރެއެވެ. އޭއެފްސީން ބުނި ގޮތުގައި ފުޓްބޯޅައިގެ މާލީ މުސްތަގުބަލާ ގުޅޭ މިފަދަ ނިންމުންތައް ފީފާގެ ކައުންސިލާއި ކޮންގްރެސްއަށް ހުށަހެޅުމުގެ ކުރިން، ސަރަހައްދީ ކޮންފެޑެރޭޝަންތަކާއި މެންބަރު އެސޯސިއޭޝަންތަކާ އެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަންޖެހޭނެއެވެ.

މި މައްސަލައިގައި ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔޫއެފާ)އިން ވަނީ މިއަށްވުރެ މާ ހަރުކަށި އިބާރާތުން ފީފާއަށް ފާޑުކިޔައިފައެވެ. ޔޫއެފާއިން ބުނި ގޮތުގައި ފުޓްބޯޅައަކީ އެއްވެސް ބަޔަކަށް އަމިއްލަ މިލްކަކަށް ހެދޭނެ އެއްޗެއް ނޫން ކަމަށާއި، ފީފާއިން ހުރަސްކުރަން އެ އުޅެނީ އެއްވެސް އިދާރާއަކުން ހުރަސްކޮށްގެން ނުވާނެ ރަތް ރޮނގެކެވެ. ނަމަވެސް ފީފާއިން ބުނަނީ "ފީފާ ފޯވާޑް އެންޓަޕްރައިޒަސް"ގެ ނަމުގައި އުފައްދާ ސެމީ ޕްރައިވެޓް ސަބްސިޑަރީ ކުންފުނީގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ފީފާގެ އަތުގައި ކަމަށެވެ. އަދި ހިއްސާ ވިއްކާނީ ކުންފުނީގެ ކޮންޓްރޯލް ނުލިބޭ ގޮތަށް، ވަރަށް ބޮޑަށް ބަލައި ފަރުވާތެރިކަމާ އެކު އިންވެސްޓަރުން ހޯދައިގެން ކަމަށްވެސް ފީފާއިން ބުނެއެވެ.

މި ކުންފުނި އުފައްދައިގެން މިއަހަރުގެ ފަހުކޮޅު 4.2ބިލިއަން ޑޮލަރު ހޯދުމަށް ފީފާއިން އަމާޒު ހިފާފައިވާއިރު، މުޅި ކުންފުނީގެ ޖުމްލަ އަގު 20ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. އިނގިރޭސިވިލާތުގެ ދަ ޓައިމްސްއާއި ފައިނޭންޝިއަލް ޓައިމްސް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހިއްސާ ގަންނާނެ ފަރާތްތަކާ އެކު ފީފާއިން ދަނީ މަޝްވަރާ ކުރަމުންނެވެ. އޭގެ ތެރޭގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ގާތް އެކުވެރިއެއް ކަމަށްވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާގެ ކޮއްކޮ ޖޯޝުއާ ކުޝްނާގެ އިންވެސްޓްމެންޓް ކުންފުނި "ތުރައިވް ކެޕިޓަލް"އާއި، ކުރިން ފެއިލްވި ޔޫރަޕިއަން ސުޕަ ލީގަށް ފަންޑުކުރަން އުޅުނު އެމެރިކާގެ ޖޭޕީ މޯގަން ޗޭސް ބޭންކު ހިމެނެއެވެ. 

ކަމުދިޔަތަ؟

ކޮމެންޓުތައް (0)

އަދި ކޮމެންޓެއް ނުލިބޭ. ފުރަތަމަ ކޮމެންޓުކޮށްލާ.

ކޮމެންޓު